ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހުރިހާ ޓީވީ ޗެނަލްތަކަކުން ވެސް ވަގުތު ދޭން ޖެހޭނީ އެއް ވަރަކަށް ކަމަށް ކަނޑައަޅައި އެއާ ހިލާފުވާ ބްރޯޑްކާސްޓަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ގޮތަށް އިންތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.
މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދިނުމަށް އަމިއްލަ ޓީވީ ޗެނަލްތަކަށް ހުރަހެއް ނެތެވެ. ހަމަހަމަ ވަގުތު ދިނުމަށް ލާޒިމް ވަނީ ދައުލަތުގެ މީޑިއާއަށް އެކަންޏެވެ.
ގާނޫނު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓަކަށް ވަކިވަކި ކެންޑިޑޭޓުންނަށް ދޭ ވަގުތަށްވުރެ 10 ޕަސެންޓް އިތުރު ނުވާ ގޮތަށް ވަގުތު ދެވިދާނެ އެވެ. އިންތިހާބުތަކާ ދިމާކޮށް ވަގުތު ވިއްކައިގެން އަމިއްލަ ޓީވީ ޗެނަލްތަކުން ބޮޑު އާމްދަނީއެއް ހޯދަ އެވެ.
އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ބްރޯޑްކާސްޓަރުން ހުރިހާ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ އެވެ. ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދިނުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
އެގޮތަށް ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ވިއްކައިފިނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އެފަދަ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ފަސޭހައިން ހުށަހަޅައި ބެލޭނެ އިންތިޒާމް ހަމަޖައްސަން އެ ކޮމިޝަނަށް ވަނީ ލާޒިމްކޮށްފަ އެވެ. އަދި މައްސަލަ ބެލުމަށްފަހު ރިޕޯޓް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓު ދިރާސާކޮށް އެ މައްސަލާގައި ޓީވީ ޗެނަލްގެ މައްސަލައެއް އުޅޭނަމަ އެ މައްސަލާގައި ޖިނާއީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ވަނީ ދީފަ އެވެ. އަދި އިދާރީ ފިޔަވަޅުތަކުގެ ގޮތުގައި ޖޫރިމަނާ އާއި ލައިސެންސް ބާތިލުކުރުމާއި މާފަށް އެދެން އެންގުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ދޭން ވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ.