ހަބަރު

އިންތިހާބުގައި ވާދަކުރެވޭނީ ބޭރު ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން

ރާއްޖެ ނޫން އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ހަދަން ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ނިޙާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖެ ނޫން އެހެން ގައުމެއްގެ ރައްޔިތުކަން އޮތް މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރުވުމުން ކަމަށެވެ.

އެ އިސްލާހު ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ގާނޫނު އަސީސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ހިމެނޭ ފަރާތަކަށް ވާންވާނެ ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެއްވޭނެ އެވެ. ނަމަވެސް ބޭރު ގައުމެއްގެ ރައްޔިތުކަން ދޫކޮށްލާ މީހަކަށް ކުރިމަތިލެވޭނެ ވަކި މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ.

އެ އިސްލާހު ގެންނަނީ ބޭރު ގައުމުތަކުގެ ނުފޫޒުން ރާއްޖެ އެއްކިބާކޮށް، މިނިވަންކަން ދަމަހައްޓަން ކަމަށް ބުނެ އެވެ.