ކުޅިވަރު

އުރުގުއޭގެ އަސްލު ފެންވަރު ރަޝިޔާއާ ދެކޮޅަށް ދެއްކޭނެތަ؟

އުރުގުއޭގެ އަސްލު ފެންވަރު މިފަހަރުގެ ވޯލްޑްކަޕުގައި އަދިވެސް ދައްްކާ ނުލެވޭ ކަމަށް، އެ ޓީމުގެ ކޯޗް އޮސްކާ ޓަބަރޭޒް ބުނެފި އެވެ.

ގުރޫޕް ސްޓޭޖުގައި، އުރުގުއޭ ކުޅޭ ފަހު މެޗުގައި މިރޭ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށެވެ. ރަޝިއާ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ކުޅުނު ދެ މެޗުން އަށް ލަނޑު ޖެހި އެވެ. ފުރަތަމަ މެޗުގައި ސައުދީ އަރައްބިއްޔާއާ ދެކޮޅަށް ހޯދި 5-0 ގެ މޮޅަކީ މުބާރާތުގެ ތާރީހްގައި މުބާރާތް ބާއްވާ ގައުމުން މިހާ ރަނގަޅަށް ފެށި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމަކަށް، ގުރޫޕްގެ އެއް ވަނަ މާގަމު ލިބޭނެ އެވެ.

"އަހަންނަށް އެނގޭ އަހަރެމެންނަށް ޕްރެޝަރު އޮތް ކަން، އަދި އަހަރެމެންވެސް ގަބޫލު ކުރަން އަހަރެމެންގެ ފެންވާރު މުޅިން ރަނގަޅު ނޫންކަން، އަހަރެމެންނަށް އަދި އަހަރެމެންގެ އަސްލު ފެންވަރު ދައްކާނުލެވޭ،" އުރުގުއޭގެ ކޯޗް ޓަބަރޭޒް ބުންޏެވެ.

"އަހަރެމެން ކޮންމެ މެޗަކާވެސް ކުރިމަތި ލަނީ ވަރަށް ހަމަޖެހިގެން، ކުރިންވެސް މިކަހަލަ ހާލަތެއް ދިމާވި، 2011 ވަނަ އަހަރު އަހަރެމެން ކޮޕާ އެމެރިކާ ޗެމްޕިއަންކަން ހޯދިއިރުވެސް މިކަހަލަ ހާލަތެއް ކުރިމަތިވި."

ރަޝިއާގެ ކޯޗް ސްޓެނިސްލާވް ޗެރިޗޭސޮވް ބުނީ، ދެ ވަނަ ބުރަށް ކޮލިފައި ވެފައި ވީނަމަވެސް އެ ޓީމުން މެޗަށް ސީރިއަސްކަން ކުޑަ ނުކުރާނެ ކަމަށެވެ.

"މި މެޗަށްވެސް އަހަރެމެން ތައްޔާރު ވާނީ އެހެން މެޗަށް ތައްޔާރުވާ ހެން،" ޗެރިޗޭސޮވް ބުންޏެވެ. "ދެ ވަނަ ބުރަށް ކޮލިފައި ވީނަމަވެސް އެއީ އަހަރެމެން ބަލަން ޖެހޭ ކަމެއް ނޫން، މެޗަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން ތިބި ކުޅުންތެރިން ކުޅޭނެ. އަހަރެމެންގެ މެޑިކަލް ޓީމުވެސް އަންގާފައެއް ނެތް ވަކި ބަދަލެއް ގެންނާކަށް."

ރަޝިއާ އާއި އުރުގުއޭ ކުޅޭ މެޗު ފަށަނީ ރާއްޖޭ ގަޑިން އިރުއޮއްސި 7:00 ގަ އެވެ.