ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ. މި މަޝްވަރާ ބައްދަލުވުންތައް މި ހަފުތާގެ ތެރޭގަ އޮންނާނެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބައްދަލުވުންތައް އޮންނާނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ބްރަސްލްސްގަ އެވެ. ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމެވެ.
އޭގެއިތުރުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން ވެސް ވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ.
ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް އާއި ޔޫރަޕިއަން ޕާލިމެންޓުގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާއެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް ގިނަ ދާއިރާތަކަކާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ވެސް ބުންޏެވެ. މަޝްވަރާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކްލައިމެޓް ޗޭންޖް، މަސްވެރިކަން، ޝެންގެން ވިސާ، އިންތިހާބު، ޓެރަރިޒަމް އަދި ވިޔަފާރި ފަދަ ކަންކަން ހިމެނެ އެވެ.
މިފަދަ މަތީ ފެންވަރުގެ މަޝްވަރާތައް 2015 ވަނަ އަހަރުން ފެށިގެން އީޔޫއާއެކު ސަރުކާރުން ބާއްވަ އެވެ. މި މަޝްވަރާތަކަށް ސަރުކާރުން ދާއިރު އީޔޫއިން ދަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމާ ގުޅިގެން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަންކަން އިސްލާހުކުރުމަށް މުހުލަތެއްދީ، ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިފަހުން ވަނީ ދީފަ އެވެ.
ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ސަރުކާރުން އީޔޫއާއެކު މަޝްވަރާގެ މޭޒަށްދާއިރު އިދިކޮޅު އެންމެ މަގުބޫލް ލީޑަރު ކަމަށްވާ މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނަށް އީޔޫގެ އެހީގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.