ހަބަރު

މަހުލޫފްގެ ޓްވީޓް މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ފަސްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ފަހު އަޑުއެހުން މިއަދަށް ތާވަލުކުރުމަށްފަހު ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

އެނގިފައިވާ ގޮތުގައި އަޑުއެހުން ކެންސަލްކޮށްފައިވަނީ މަހުލޫފް ބަލި އުޅުއްވާތީ އެވެ. އެކަމަކު އެކަން ކޯޓުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެ ދައުވާ މަހުލޫފަށް ކުރަނީ އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ. ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލާގައި މަހުލޫފް ވަކާލަތު ކުރައްވަނީ އަމިއްލަށެވެ. ކުރިން އެ މައްސަލާގައި ވަކީލް ނާޒިމް ސައްތާރު ވަކާލާތު ކުރެއްވި ނަމަވެސް އެ މައްސަލައިން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލައިގެ ކުށް މަހުލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.

މި ނޫނަސް އިތުރު ދައުވާތަކެއް މަހުލޫފަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.