ދުނިޔެ

އެމެރިކާގެ މެދު އިރުމަތީ ސުލްހައިގެ ޕްލޭނަށް އަރަބި ހަތަރު ގައުމެއްގެ ތާއީދު

Jun 26, 2018
1

ހަމަނުޖެހުން ބޮޑުވެފައިވާ އިސްރޭލާއި ފަލަސްތީނުގެ ސުލްހައަށް އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭނަށް އަރަބި ހަތަރު ގައުމެއްގެ ތާއިދު ލިބިފައިވާ ކަމަށް، އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.

އިޒްރޭލު ހަޔޮމް ނޫހުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕުގެ ދަނބިދަރިކަލުން އަދި ސީނިއާ އެޑްވައިޒަރު ޖެރެޑް ކޫޝްނާ ދާދި ފަހުން މެދު އިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި، މިސްރު، ސައުދީ އެރެބިއާ، ޔޫއޭއީ އަދި ޖޯޑަން އިން ވަނީ އެމެރިކާގެ ޕްލޭނަށް ތާއިދުކުރާ ކަމުގެ ޔަގީންކަން ދީފަ އެވެ. ނަމަވެސް "ގަރުނުގެ ބޮޑު އެއްބަސްވުން" ގެ ގޮތުގައި އެމެރިކާ އިން ސިފަކުރާ ޕްލޭނުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފަ އެވެ.

މީގެ އިތުރުން، ކޫޝްނާ އާއި ބައްދަލުކުރަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ދެކޮޅު ހެއްދެވުމުން، އެ ހަތަރުގެ ގައުމުގެ އިސްވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ކަމުގައި ވެސް އިޒްރޭލު ސަރުކާރަށް ތާއީދު ކުރާ ނޫހުން ބުނެފައިވެ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ނިންމުމާ ގުޅިގެން އެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރަން ފަލަސްތީނުގެ ވެރިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. މެދުއިރުމަތީގެ ސުލްހައިގައި އެއްވެސް ދައުރެއް އަދާކުރުމުގެ ހައްގު އެމެރިކާ އަށް ދެން ނޯންނާނެ ކަމަށް ވެސް ފަލަސްތީނުގެ ރައީސް އައްބާސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ނަމަވެސް، އައްބާސް ކޮންމެ ގޮތަކަށް ހުންނެވި ނަމަވެސް، އެމެރިކާގެ ޕްލޭނަށް މިސްރު، ސައުދީ އެރެބިއާ، ޔޫއޭއީ އަދި ޖޯޑަން އިން ތާއީދު ކުރާނެ ކަމުގައި، އެ ގައުމުގެ އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.