ހަބަރު

ޕްރިންސިޕަލުންގެ މާސްޓާސް ޕްރޮގްރާމަށް އަނެއްކާވެސް ހުޅުވާލައިފި

Jun 26, 2018
1

ޕްރިންސިޕަލުން މާސްޓާސް ޑިގްރީއަށް ތަމްރީންކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދެވަނަ ބުރުގެ 30 ފުރުސަތަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ މެލޭޝިއާގެ ޓެކްނޮލޮޖީ ޔުނިވަސިޓީ މާރާގައި މާސްޓާސް އޮފް އެޑިއުކޭޝަން އެންޑް ލީޑާޝިޕްގެ ރޮނގުން ކިޔެވުމަށް 30 ފުރުސަތެވެ. އޭގެ ތެރޭގައި 10 ފުލް ސްކޮލާޝިޕް ހިމެނެ އެވެ. އަނެއް 20 ފުރުސަތަށް އެދޭ ފަރާތްތަކަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކިޔަވަން ލޯނު ލިބޭނެ އެވެ.

މިނިސްޓްރީން މިއަދު ބުނީ އަލަށް ހުޅުވާލި ސްކޮލާޝިޕްތަކަށް ހުރިހާ ޕްރިންސިޕަލުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. ނަމަވެސް ފުރުސަތު ދޭއިރު އިސްކަންދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ކަމަށެވެ.

މި ސްކޮލާޝިޕްތަކަށް ލެވޭނީ މީގެކުރިން އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ދާއިރާއިން އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ނަމައެވެ. ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ޓީޗިން އެޑްމިނިސްޓްރޭޝަން ދާއިރާގައި ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނަމައެވެ.

މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 10 ވާ އަންގާރަ ދުވަހެވެ.

ޕްރިންސިޕަލުން މާސްޓާސްއަށް ތަމްރީންކުރަން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުވެސް ވަނީ 30 ޕްރިންސިޕަލަކަށް ކޯސް ފުރުސަތު ދީފަ އެވެ.