ހަބަރު

އިންތިހާބަށް ހާއްސަކޮށް އަންނަ މަހު ރަށްރަށަށް ފުލުހުން ފޮނުވަނީ

Jun 26, 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފެށޭ ޖުލައިމަހު ރަށްރަށަށް ފުލުހުން ފޮނުވަން ފަށާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން ވަމުންދާ ތައްޔާރީތައް ހިއްސާކޮށް އެސިސްޓަންޓް ކަމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ، އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ފޮނުވާ ފުލުހުން ތަމްރީންކުރުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބުގެ ކަންކަމަށް ތައްޔާރުކުރުމަށް ފުލް ސްކޭލް އެކްސަސައިޒްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރަށްރަށަށް ފުލުހުން ފޮނުވަން ފަށާނީ އަންނަ ޖުލައިމަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވެސް ވޯޓު ފޮސި ބަހައްޓާ ސަރަހައްދުތަކަށް ފުލުހުން ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.

އަންނަ ސެޕްޓެމްބަރުމަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން މޮނިޓާކުރުމުގެ ތައްޔާރީތައް ފުލުހުން ފަށާފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވެސް މިހާރު ދަނީ އިންތިހާބުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ވޯޓާސް ލިސްޓް އާންމުކޮށް، އިންތިހާބު މޮނިޓާކުރަން ރާއްޖެއާއި ބޭރުގެ މީޑިއާތަކަށް ވެސް މިހާރު ވަނީ ދައުވަތުދީފަ އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.