ހަބަރު

އެމްއެންޑީއެފް އުވާލަން އުޅޭ ބަޔަކަށް ދިވެހިންގެ ތާއީދެއް ނޯންނާނެ: މިނިސްޓަރު

ގައުމީ ދިފާއީ ބާރު އުވާލަން އުޅޭ "ކޮސް" ބަޔަކު ވެރިކަމަށް ގެންނަން ދިވެހިން ތާއީދު ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖެއިން އެމްއެންޑީއެފް އުވާލަން ބޭނުންވާކަން ހާމަކޮށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓްތަކާ ގުޅިގެން މިނިސްޓަރު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ސްޓޭޓަސްގަ އެވެ.

ކުރު އެ ސްޓޭޓަސްގައި މިނިސްޓަރު ވިދާޅުވީ އެމްއެންޑީއެފަކީ ގައުމުގެ އައްޑަނަ ކަމަށާއި އެމްއެންޑީއެފް އުވާލަން ވިސްނާފަދަ މޮޔަ ބަޔަކު ދިވެހިން ވެރިކަމަށް ނުހޮވާނެ ކަމަށެވެ.

މިނިސްޓަރުގެ މި ސްޓޭޓަސް ގިނަ ބަޔަކު ވަނީ ޝެއާ ވެސް ކޮށްފަ އެވެ. އަދި ގިނަ ބަޔަކު ވަނީ މިނިސްޓަރަށް ތާއީދުކޮށް ކޮމެންޓްވެސް ކޮށްފައި ވެއެވެ.

ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ، އޭނާ "އެދޭ ވެރިކަމެއް" ގައި އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ތިބޭނީ ކޯސްޑްގާޑާއި މެރިން ޕޮލިސް ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ދުވާލަކަށް ހަތް މިލިއަން ރުފިޔާ ހަމައެކަނި އެމްއެންޑީއެފްއަށް މިހާރު ހަރަދުކުރާ ކަމަށާއި އޭނާ އެދޭ ވެރިކަމެއްގައި ސަލާމަތް ކުރެވޭ ފައިސާ ހަރަދުކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކުރަން ކަމަށެވެ.

ސުއޫދު މިހެން ވިދާޅުވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެމްއެންޑީއެފަކީ އެތައް އާއިލާއަކަށް އާމްދަނީ ވަންނަ، އެތައް ޒުވާނުންތަކެއްގެ ވަޒީފާއާ ގުޅިފައިވާ މުއައްސަސާއެއްކަން ގިނަ މީހުން ދަނީ ފާހަގަ ކުރަމުންނެވެ.

މީގެ ކުރިން ވެސް ސުއޫދު ވަނީ މިހާރު އަމަލު ކުރަމުންދާ ގިނަ ކަންތައްތަކެއް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރުން ހުއްޓުވައި އޭގެ ދަށުން ނުހައްގުން ދައުވާކޮށްފައިވާ އެންމެންނަށް މާފު ދެއްވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

ސުއޫދަކީ ރާއްޖޭގެ ސިވިލް ކޯޓްގެ އިސް ގާޒީ ކަމާއި ރާއްޖޭގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.