މިއުޒިކް

ދުނިޔޭގެ އެންމެ ކުރީގައި "ބްލެކްޕިންކް"

"ބްލެކްފިންކް" އާ ވީޑިއޯ ލަވަ.

ދެކުނު ކޮރެއާގެ ކުންފުނި ވައިޖީ އެންޓަރޓެއިންމެންޓުން 2016 ވަނަ އަހަރު، ހަތަރު މެމްބަރުންނާއެކު ވުޖޫދަށް ގެނައި އަންހެން ކޭ-ޕޮޕް ގްރޫޕެއް ކަމުގައިވާ "ބްލެކްޕިންކް" ގެ އާ އަލްބަމް މިއުޒިކު ޗާޓުތަކުގައި ރަސްކަން ކުރަން ފަށައިފި އެވެ.

މި ގްރޫޕުން އަލްބަމެއް މި ގެނެސް ދިނީ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ފަހުންނެވެ. ޖުމްލަ ހަތަރު ލަވަ ހިމެނޭ، "ސްކޮޔާ އަޕް" ކިޔާ މި އަލްބަމް ފޭނުންނަށް ދޫކޮށްލީ މި މަހު 15 ގަ އެވެ. މި އަލްބަމް މިހާރު އަންނަނީ ދުނިޔޭގެ އެކި މިއުޒިކު ޗާޓުތަކުގައި އަތްގަދަ ކުރަމުންނެވެ.

ޑިޖިޓަލް މިއުޒިކު ސްޓްރީމިން ދިރާސާތައް ކުރާ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ނީލްސަން މިއުޒިކުން ބުނި ގޮތުގައި މި އަލްބަމްގެ ލީޑު ލަވަ "ޑުޑު ޑު" ވަނީ ހަފްތާއެއްގެ ތެރޭގައި އެކި ސްޓްރީމިންގ އެޕްސްތައް މެދުވެރިކޮށް 12.4 މިލިޔަން ފަހަރު ސްޓްރީމްކޮށްފަ އެވެ.

މި ލަވަ ވަނީ އެމެރިކާގެ ބިލްބޯޑް 200 އިން ޖާގަ ހޯދާފަ އެވެ. މިއީ 2009 ވަނަ އަހަރު ކޭ-ޕޮޕް "ވޮންޑާ ގާލްސް" ގުރޫޕުން ނެރުނު ލަވަ "ނޯބޮޑީ" އަށްފަހު ކޭ-ޕޮޕް އަންހެން ގްރޫޕަކަށް އެމެރިކާގައި މިވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ބިލްބޯޑްގެ ވޯލްޑް ޑިޖިޓަލް ސޯންގްސްގެ ޗާޓުންވެސް "ބްލެކްޕިންކް" ގެ އާ އަލްބަމް ވަނީ ޖާގަ ހޯދާފައި އެވެ.

އަލްބަމް ނެރުނު ދުވަހު "ބެލެކްޕިންކް" އިން ވަނީ އާ އަލްބަމްގެ ލީޑް ސިންގަލްގެ މިއުޒިކް ވީޑިއޯވެސް ޔޫޓިއުބުގައި އާންމުކޮށްފަ އެވެ. މި ވީޑިއޯ ޕޯސްޓްކުރިތާ 24 ގަޑިއިރުގެ ތެރޭގައި 33 މިލިއަން ވިއުސްވެސް ލިބުނެވެ. ކޮރެއާގެ އަންހެން ޕޮޕް ގްރޫޕެއްގެ ވީޑިއޯ ލަވައަކަށް ޔޫޓިއުބުގައި މިހާ ބޮޑު ތަރުހީބެއް ލިބުނުވެސް މިއީ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މި ލަވަ ވަނީ އެންމެ އަވަހަށް ޔޫޓިއުބުގައި މިއުޒިކު ވީޑިއޯއަކަށް 100 މިލިއަނަށް ވިއުސް ލިބުނު އަންހެން ކޭ-ޕޮޕް ބޭންޑްގެ ފަހުރުވެރި މަގާމުވެސް ހޯދާފަ އެވެ.

"ބްލެކްޕިންކް" އިން ގާއިމުކުރި މި ރެކޯޑްތަކުގެ ކުރީގައި އަދިވެސް އުޅެނީ ކޭ-ޕޮޕްގެ ފިރިހެން ބޭންޑެއްކަމުގައިވާ "ބީޓީއެސް" އެވެ. އެ ގުރޫޕުން ރިލީޒްކުރި އެންމެ ފަހުގެ އަލްބަމް "ލަވް ޔުއަސެލްފް: ޓިއަރ" ގައި ހިމެނޭ "ފޭކް ލަވް" ވަނީ ޔޫއެސް ބިލްބޯޑް 200 އިން ޖާގައެއް ކަށަވަރުކޮށް 41 މިލިއަން ވިއުސްއާއެކު 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ބަލާފައިވާ ކޮރިއަން ވީޑިއޯ ލަވައިގެ ރެކޯޑް ހޯދާފަ އެވެ.

އާ އަލްބަމާއެކު މިހާރު ދެ އަހަރުވާން ގާތްވެފައިވާ، "ބްލެކްޕިންކް"ގެ ފޭނުންނަށް އެ ގުރޫޕުން ވަނީ އިތުރު ހަދިޔާއެއްވެސް ދޫކޮށްލާފަ އެވެ. ގްރޫޕުގެ ހުރިހާ މެމްބަރުން ވަނީ އަމިއްލަ އިންސްޓަގުރާމު އެކައުންޓުތައް ހަދާފަ އެވެ. އެ އެކައުންޓްތައް ހެދިތާ 24 ގަޑިއިރުގެ ތެރޭގައި ހަތަރު މެމްބަރުން ކަމުގައިވާ ޖިސޫ، ރޮޒޭ، ލީސާ އަދި ޖެނީގެ އެކައުންޓަށް ވަނީ އެއް މިލިޔަނަށްވުރެ ގިނަ މީހުން ފޮލޯކޮށްފަ އެވެ.