ކުޅިވަރު

ދިވެހި ޕްރިމިއާ ލީގްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

ދިވެހި ޕްރިމިއާ ލީގްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގް ހަމަޖައްސައި، އެ ކުންފުންޏާއެކު އެއްބަސް ވުމުގައި ސޮއި ކޮށްފި އެވެ.

މުވާސަލަތީ ކުންފުނި ދިރާގާއެކު، އެފްއޭއެމުން އެއްބަސްވުން ހެދީ ތިން އަހަރު ދުވަހަށެވެ. ދިރާގުން ވަނީ ކުރިންވެސް ލީގް ސްޕޮންސާކޮށްފަ އެވެ. އެއީ ދިވެހި ލީގްގެ ގޮތުގައި އޮތް އިރު އެވެ.

ދިވެހ ޕްރިމިއާ ލީގްގެ ނަމުގައި، 2015 ވަނަ އަހަރުން ފެށިގެން ލީގް ބާއްވަން ފެށި ފަހުން މިދިޔަ އަހަރާ ހަމަޔަށް ލީގް ސްޕޮންސާ ކޮށްފައި ވަނީ ދިރާގުގެ ވާދަވެރި ކުންފުނި އުރީދޫ އިންނެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ވަނީ، ބޮޑު ބަދަލެއް ގެނެސްފަ އެވެ. މި އަހަރު ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ މާލޭ ލީގުގެ ގަދަ ހަ ޓީމާއި، އަތޮޅު ތެރެއަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.

ދިރާގް ދިވެހި ޕްރިމިއާ ލީގް ހުޅުވާ މެޗުގައި މާދަމާ ރޭ ބައްދަލު ކުރާނީ، މާލޭ ލީގްގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުއްޓެވެ.