ހަބަރު

ސައީދާއި ހަމީދުގެ އިސްތިއުނާފް ރިވިއުކުރަން ސުޕްރީމް ކޯޓަށް

Jun 27, 2018

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއުކުރަން އެދެބޭފުޅުންގެ ވަކީލުންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަނޑިޔާރުންނަށް ކުށް ސާބިތުވި ނަމަވެސް އަދަބު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ކުޑަކޮށްފަ އެވެ. އެމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ ބަލައި ނުގަތުމަށް ނިންމާފަ އެވެ.

އެ ނިންމުމާއި ގުޅިގެން އެދެބޭފުޅުންގެ ފަނޑިޔާރުކަން ވަނީ ގެއްލިފަ އެވެ. އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

ނަމަވެސް އެދޭފުޅުންގެ ވަކީލުން ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރުމުގައި މައްސަލާގެ ނިންމުމަށް ސީދާ ގޮތުން އަސަރު ފޯރުވި ހައްސާސް މައްސަލަތައް ފާހަގަކޮށްފައިވާނެ ކަމަށާއި ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ނިންމީ މިއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި ޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވައިދުގެ ދަށުން ރަޖިސްޓްރާގެ ނިންމުންތައް ރިވިއު ކުރަން ހުށަހެޅޭނެ ކަމަށެވެ.

ނަމަވެސް ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުން އިސްތިއުނާފް ބަލައި ނުގަތުމަށް ނިންމާފައިވަނީ މައްސަލަ އިސްތިއުނާފުކުރި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އަަބްދުﷲ ސައީދުގެ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުންގެ އިސްތިއުނާފް މައްސަލަ އަލުން ރިވިއު ކުރުމަށް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެދެބޭފުޅުންގެ މަގާމް ހުސްވުމުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިއަދު ވަނީ ފޮނުވާފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ވަނީ ޑރ. ދީދީ އެ މަގާމަށް ގެންނަން ރައީސަށް އިއްޔެ ލަފާ އަރުވާފަ އެވެ.