ހަބަރު

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަނޑިޔާރުކަން ނުގެއްލޭ: ވަކީލުން

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަކުން ފަނޑިޔާރުކަން ނުގެއްލޭނެ ކަމަށް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމް ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފުކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ އެ މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ދެ ބޭފުޅުންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލަ އިސްތިއުނާފުކުރުމުގައި އެ މައްސަލާގައި ހުކުމަށް ދަށު ކޯޓުތަކުން ވާސިލްވެފައިވާ ގޮތްތަކުގައި ހުރި މައްސަލަތައް ފާހަގަކޮށްފައިވާނެ ކަމަށާއި މައްސަލާގެ ނިންމުމަށް ސީދާ ގޮތުން އަސަރު ފޯރުވި ހައްސާސް މައްސަލަތައް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"... އެހެންނަމަވެސް މައްސަލަ ބަލައިނުގަތުމަށް ނިންމީ މިއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި،" ވަކީލުން ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، މައްސަލާގެ މައުލޫއާމެދު ގޮތެއް ނިންމުމެއް ނެތި ރަޖިސްޓްރާގެ ނިންމުމަކުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާތީ މައްސަލަ ރިވިއުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވައިދުގެ ދަށުން ރަޖިސްޓްރާގެ ނިންމުންތައް ރިވިއު ކުރަން ހުށަހެޅޭނެކަން ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ހާލަތްތަކުގައި އޭނާގެ ފަނޑިޔާރުކަން ގެއްލޭނީ ނިހާއީ ހުކުމަކަށް ވާސިލުވާ ހިސާބުކަން ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުން އެނގެން އޮންނަ ކަމަށާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލާގައި މިއަދު ނިންމެވި ނިންމުމަކީ ސުޕްރީމް ކޯޓުގެ ގަޟާއީ ނިންމުމަކަށް ނުވާނެ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.

"ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހެޅުމުގެ ފުރުސަތު އޮތަތީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމާމެދު ސުޕްރީމް ކޯޓުގެ ގަޟާއީ ނިންމުމަކުން ފައިސަލާކުރުމާ ހަމައަށް ދެ ފަނޑިޔާރުންގެ މަގާމު ނުގެއްލޭނެ،" ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ފ)ގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައީ ކަމަށެވެ.

ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަނޑިޔާރުންނަށް ކުށް ސާބިތުވި ނަމަވެސް އަދަބު ކުޑަކުރަން ޖެހޭ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ހައިކޯޓުން އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ރަނގަޅު ހުކުމެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައިވެ އެވެ.