ހަބަރު

އިންތިހާބާ ގުޅޭ ކަންބޮޑުވުމާއެކު އައިޝާ ޓްވިޓާއަށް

ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނާތީ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެންމެ ބޮޑު އަގުލަބިއްޔަތަކުން ހޮވިވަޑައިގަތް، އައިޝާ ކުރެއްވި ފުރަތަމަ ސިޔާސީ ޓްވީޓްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު މިހާ ގާތްވެފައި އޮތްވާ އިންތިހާބުތަކާ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ސިޔާސީ ދާއިރާއަށް އަލަށް ނުކުމެވަޑައިގަތް އައިޝާ ވަނީ ސިޔާސީ ގޮތުން ވަރަށް ކުރިއަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމު މިހާރު ހުސްވެފައިވާއިރު އެ މަގާމަށް އޭނާ ވަޑައިގަންނަދާނެ ކަމަށް ބެލެވެ އެވެ.

އައިޝާ މިއަދު ކުރެއްވި ޓްވީޓަކީ އޭނާގެ ދެވަނަ ޓްވީޓެވެ. ފުރަތަމަ ޓްވީޓް ކުރައްވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެކެވެ. މިއަދު އައިޝާ ކުރެއްވި ފުރަތަމަ ސިޔާސީ ޓްވީޓް ގާސިމް އިބްރާހިމް ވަނީ ރީޓްވީޓް ކުރައްވާފަ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ މެންބަރުން ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ބައެއް އިސްލާޙުތައް މިހާރު ވަނީ ކޮމެޓީގެ މަރުހަލާގަ އެވެ.

ކޮމެޓީ މަރުހަލާ ނިންމާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި އިސްލާހުގެ އެވެ. އެ އިސްލާހަކީ ރާއްޖޭގެ ރަށްވެރިކަން ނޫން އެހެން ގައުމެއްގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރުވުމުން ނޫނީ ވެރިކަމަށް ވާދަނުކުރެއްވޭ އިސްލާހެވެ. އެ އިސްލާހު ކޮމެޓީން ފާސްކުރީ ސިޔާސީ ހިމާޔަތް ހޯދައިގެން ބޭރު ގައުމުތަކުގައި އުޅޭ މީހުންނަށް ވެސް 10 ހިމާޔަތް ދޫކޮށްލާ 10 އަހަރުވުމުން ނޫނީ ރައީސް ކަމަށް ކުރިމަތިނުލެއްވޭ ގޮތާއެކު އެވެ.

މި އިސްލާހު ފާސްކޮށްފިނަމަ މިއީ ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލެއްވުމަށް އެޅޭ އިތުރު ހުރަހެކެވެ. އެއީ ގާސިމް ހުންނެވީ ޖަރުމަންވިލާތުން ހިމާޔަތް ހޯއްދަވައިގެން ކަމަށްވާތީ އެވެ. ގާސިމްގެ އިތުރުން ދެން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނަށް ވެސް އެޅޭ މިއީ ހުރަހެކެވެ. އެގޮތުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް ހުންނެވީ އިނގިރޭސިވިލާތުގެ ހިމާޔަތުގަ އެވެ.