ހަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 137 އިސްލާހެއް ހުށަހަޅައިފި

މިދިޔަ އަހަރުގެ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހުގެ ބިލް ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މާއްދާތަކުގެ އިބާރާތްތައް ބަދަލުކުރުމަށެވެ.

އޭގެއިތުރުން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް އިތުރުކުރުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ކޮރަޕްޝަނާއި ރިޝްވަތުގެ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ނިންމާފައިވާކަން ފާހަގަކުރެވެ އެވެ.

ފުލުހުން ބަލާ ފާސްކުރުމަށާއި މުދާ ހިފެހެއްޓުމަށް އަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް ކޮންމެ ވެސް ވަރަކަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އަމިއްލަ ތަނަކަށް ކޯޓު އަމުރެއް ނެތި ވަންނަނަމަ އެ ތަނެއްގައި ތިބި ބަޔަކަށް އަންގަންޖެހޭނެ ކަމަށް އޮންނަ މާއްދާއަށް ލުޔެއް ގެންނަން ވަނީ ނިންމާފަ އެވެ. އެގޮތުން އެތަނަކަށް ވަނުމުގެ ކުރިން އަންގަންޖެހޭނެ ކަމަށް ބުނި ނަމަވެސް ދުރާލާ އެންގުން މުހިންމު ނޫން ކަމަށް އިސްލާހުގައި ހިމަނާފައިވެ އެވެ. ވަނުމުގެ ހިނދުކޮޅެއް ކުރިން އެންގުމުން ފުދޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި ކުރިން އަންގައިފިނަމަ ބަލާ ފާސްކުރުމުގެ މަގުސަދު ގެއްލޭފަދަ ހާލަތެއް އޮތްނަމަ އެއްގޮތަކަށް ވެސް އެންގުމެއް ނެތި ވަނުމުގެ ބާރު ފުލުހުންނަށް ދޭން ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން ދައުވާކުރުމާއި އިބްތިދާއީ އަޑުއެހުންތަކުގައި އަމަލުކުރާ އިޖުރާއަތްތަކަށް ވެސް ބަދަލު ގެންނަން އިސްލާހުގައި ހިމަނާފައިވެ އެވެ. ޝަރީއަތުގެ މަރުހަލާ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ގާނޫނަށް އިތުރު މާއްދާތަކެއް އިތުރުކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން އަޑުއެހުންތައް ލަސްވުމަކާ ނުލާ ކުރިއަށް ގެންގޮސް ގިނަ ދުވަސްތަކެއް ނުހިނގާ ގޮތުގެ މަތިން އަޑުއެހުންތައް ތާވަލުކޮށް މައްސަލަ ނިންމަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެކަމަށް އުސޫލުތަކެއް ގަވައިދުތަކުން ހެދުމަށް ވެސް އިސްލާހުގައި ބުންޏެވެ.

މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ހާއްސަ ހާލަތްތަކުގައި ނޫނީ ޝަރީއަތްތައް ކުރިއަށް ގެންދަން ވާނީ ހުޅުވާލައިގެންނެވެ. އިސްލާހުގައި ވަނީ އެކަން ވެސް އިތުރަށް ފުޅާކޮށްފަ އެވެ. އެގޮތުން ހާއްސަ ހާލަތްތަކުގެ މައްސަލަތައް ނޫނީ ޖިނާއީ މައްސަލަތަކުގެ ހުރިހާ މަރުހަލާތަކެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެންނެވެ. މިހާރު ވެސް ބަންދު މަޖިލިސްތައް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

މެންބަރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ ކުރާ ޖޫރިމަނާގެ އަދަދު ކުޑަކުރަން ވެސް ހުށަހަޅާފައިވެ އެވެ. ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ މިހާރު ގާނޫނު އޮތް ގޮތުން އެމީހަކު 15،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކުރަން އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ހާލަތެއްގައި އޭނާ ބަންދުން ދޫކުރުމަށް އަމުރުކުރުމުގެ އިތިރުން އޭނާގެ ޕާސްޕޯޓް ފަދަ އެއްޗެއް ހިފަހައްޓާފައިވާނަމަ އެ އެއްޗެއް ދޫކޮށްލުމަށް ވެސް ކޯޓުން އަމުރުކުރަން ވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިމިވަނީ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް އަދި ފުލުހުން ވެސް އެ ގާނޫނުގައިވާ ބައެއް ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައިވަނިކޮށެވެ. އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މުއައްސަސާތަކުގެ ކަންބޮޑުވުންތަކަށް ބަލާފަ އެވެ.