އައިޝަތު ބިޝާމް

ޕީޖީ ވަކި ނުކުރަނީ ސިޔާސީ ދައުވާތައް އުފުލަން: އިދިކޮޅު

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސްގެން އުޅެނީ އެކަމަނާ މެދުވެރިކޮށް ސިޔާސީ ދައުވާތައް އުފުލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޖީ ބިސާމްގެ މައްސަލަ މަޖިލީސްތެރެއިން ނުހިނގަނީ ކީއްވެެގެންކަން އޮޅިވަޑައިނުގަންނަވާ ކަމަށެވެ.

ޖީޕީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ރައީސް ސޯލިހާއި، ރައީސް ނަޝީދު އެކަމަށް ހުރަސްއަޅުއްވާ ކަމަށާ ބޭނުމަކީ އެ ބޭފުޅުން ޖެހިލުންވާ ސިޔާސީ ލީޑަރުންނާ އެ ނޫން ބޭފުޅުންނަށް ސިޔާސީ ދައުވާ އުުފުލުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިވަނީ ކީއްކަން. މިހާރު ބިސާމް މި އުޅެނީ ތާހަކަށް މައްސަލަތައް ބަލައިގެން. ދައުވާތައް ތާހަށް ލައިގެން މީނަ މި ހުންނަނީ ހަމަ ހަނާކޮށްލަ ހަނާކޮށްލާ. ދައުވާ ތާހަށް ލައިގެން މި އުޅެނީ. ސިޔާސީ ދައުވާ މީނަ ލައްވާ އުފުލަން މި އުޅެނީ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީޖީ ބަދަލުކުރަން މެންބަރު ހިސާން ހުސައިން އަދި އިމްތިޔާޒް ފަހުމީ ބޭނުންފުޅުވީ ނަމަވެސް އެކަން ކުރެވެން ނެތް ކަމަށެވެ. އެ ބޭފުޅުންގެ އަނގަމަތީގައި ޓޭޕް އަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ޖޯކަކަށް ވެއްޖެ މި އުޅޭ ބިސާމްގެ މައްސަލަ، މި ޕީޖީ ބިސާމްގެ މައްސަލަ.. މީނައަކީ މިހާރު ބޮލިރަވައަކަށް ވެއްޖެ، ރައްޔިތުން މަޖިލީހުގެ މެންބަރުން ގެންގުޅޭ. ދިވެހި ލޮބުވެތި ރައްޔިތުން ވިސްނަވާ.. އިހަކަށް ދުވަހު ޖުޑިޝަރީ ކޮމެޓީން މި ނިންމީ ބިސާމްގެ އިތުބާރު ނެތްކަމަށް. 65 މެންބަރުން ހިމެނޭ އެމްޑީޕީގެ މެޖޯރިޓީ އޮތް ޖުޑިޝަރީ ކޮމެޓިން ނިންމީ. ކިހިނެތްތޯ؟ ސައުވީސް ގަޑިއިރުވެސް ނުވޭ އަންނަންވީ ދިމާލަކުން، ނޭންގެ އިބްރާހިމް މުހައްމަދު ސޯލިހު ކަމެއް، ރައީސް ނަޝީދުގެ ޕްރެޝާއިން ކަމެއް، ކުއްލި އަކަށް ހަމަ އެ ނިންމި ނިންމުން އަނެއްކާ މީނަ އެއްކަލަ ދޮންނަ މެޝިނައް ލައިގެން ދޮވެލައިގެން އޭނާގެ މައްޗަށް ފިޔަވަޅު ނާޅަން އެ ނިންމީ." ޝުޖާއު ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ މަސައްކަތް ފެށިނަމަވެސް އެ ނިންމުން ނިންމިތާ ސައުވީސް ގަޑިއިރުގެ ތެރޭގައި އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

އަށާރަ ވަނަ މަޖިލީހުން ފެށިގެން ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އެތައް ފަހަރަކު މަސައްކަތް ކުރިނަމަވެސް ކޮންމެ ފަހަރަކުވެސް އެ މަސައްކަތް ފެށުމާއެކު ހުއްޓިގެން ދެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިިދިކޮޅު ހުރިހާ ލީޑަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލާ، ޝަރީއަތްތައް ކުރިއަށް ގެންގޮސް ބޮޑެތި ހުކުމްތައް އިއްވާފައިވާއިރު، އެ ދައުވާތަކަކީ ސަރުކާރުގެ ނުފޫޒްގައި ޕީޖީ ބިޝާމް އުފުލެއްވި ސިޔާސީ ދައުވާތަކެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމި އައު ސަރުކާރު އައުމާއެކު ޕީޖީއަކަށް ބިޝާމް ހުންނަވާ ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. އެ ދައުވާގެ ޝަރީއަތްތައް ނިމި އަންނަ މަހުގެ ފަސްވަނަ ދުވަހު ހުކުމް އިއްވުމަށް ވަނީ ހަމަޖެހިފައެވެ.