ހަބަރު

އުއްތަމަ ފަނޑިޔާރަށް ޑރ. ޑީޑީ އައްޔަންކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ވަނީ ޑރ. ދީދީ އެ މަގާމަށް ގެންނަން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ލަފާ އަރުވާފަ އެވެ. މަޖިލީހަށް ރައީސް އެ ނަމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ މިއަދު އެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ ޑރ. ދީދީއަށް ތައުރީފް ކުރައްވައި އެއީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް ވިދާޅުވެފަ އެވެ.

ހަމައެކަނި ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނެގި ވޯޓުގައި އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ދީދީ އައްޔަންކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގެ 147 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ދިރާސާކުރުމަށް ރައީސް މަޖިލީހަށް ފޮނުވާ ނަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ.