ހަބަރު

ސުޕްރީމް ކޯޓަށް އަބްދުﷲ ދީދީ އާއި ޣަނީ އައްޔަންކުރަން ފާސްކޮށްފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ ރުހުންދީފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ވަނީ ދެ ފަނޑިޔާރުން އެ މަގާމަށް ގެންނަން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ލަފާ އަރުވާފަ އެވެ. މަޖިލީހަށް ރައީސް އެ ނަމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ މިއަދު އެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީއަށާއި ފަނޑިޔާރު ޣަނީއަށް ތައުރީފް ކުރައްވައި އެއީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.

ހަމައެކަނި ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނެގި ވޯޓުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީއަށާއި ފަނޑިޔާރު ޣަނީއަށް އައްޔަންކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އިޖުރާއަތްތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ދިރާސާކުރުމަށް ރައީސް މަޖިލީހަށް ފޮނުވާ ނަންތަކާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. އަލަށް އެކުލަވާލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ތިރިކޮށް މީގެކުރިން ދެ ފަނޑިޔާރަކު ވަކިކޮށްފައިވެ އެވެ.