ޑރ. އަހުމަދު އަބްދުﷲ ދީދީ

ފަނޑިޔާރު ޑރ. ދީދީގެ ތައާރަފު ކުރުކޮށް

Jun 28, 2018
11

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގަށް އަލަށް ވަޑައިގަންވާ ޑރ. އަހްމަދު އަބްދުﷲ ދީދީ 52، އަކީ މިހާރު ވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރެކެވެ. އެ މަނިކުފާނު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ވަޑައިގެންނެވީ 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އެވެ.

އޭގެ ކުރިން ޑރ. ދީދީ ވަނީ އެޓާނީ ޖެނެރަލްގެ ނައިބުގެ މަގާމާއި އެ އޮފީހުގެ އެހެން ބައެއް މަގާމްތައް ވެސް ފުރުއްވާފަ އެވެ.

ޑރ. ދީދީ ނިސްބަތްވެ ވަޑައިގަންނަވަނީ ދެކުނުން އައްޑު އަތޮޅު ހިތަދޫއަށެވެ. މިސްރުގެ އަޒުހަރު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. ދީދީ އުފަންވެ ވަޑައިގެންނެވީ އޮކްޓޯބަރު 1، 1966 ގައެވެ. އޭނާއަކީ ވަރަށް އިލްމުވެރި ވަރަށްވމަޑުމައިތިރި ބޭފުޅެކެވެ.

އެ މަނިކުފާނަކީ ޕީއެޗްޑީ ހައްދާފައި ވަނީ 2008 ވަނަ އަހަރު އެވެ. ޕީއެޗްޑީ ހެއްދެވީ ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަސްޓް ކްލާސް އޮނަގެ ދަރަޖައިގަ އެވެ.

މީގެ އިތުރުން ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން 2000 ވަނަ އަހަރު މާސްޓާސް ހައްދަވާފައި ވެއެވެ. އަދި 1995 ގައި ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް ހެއްދެވި އެވެ. ޝަރީއަތާއި ގާނޫނީ ޢިލްމުގެ ރޮނގުން ބެޗްލާ އޮފް ލޯސް ފުރިހަމަ ކުރެއްވީ 1993 ވަނަ އަހަރު އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ހުއްދައާއެކު 1996 ވަނަ އަހަރުން ފެށިގެން މަސައްކަތް ފެއްޓެވި އިރު ރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި އެ މަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އަދި ލެކްޗަރަރއެއްގެ ގޮތު ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ގައުމީ ޔުނިވާސިޓީ އާއި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ އާއި ކޮންސްޓިޓިއުޝަނަލް ލޯ އާއި އެޑްމިނިސްޓްރޭޓިވް ލޯ އާއި އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައި ދެއްވި އެވެ.

އޭނާއަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އާއި މެންބަރެކެވެ.

ޑރ. ދީދީއަށް މަޖިލީހުން ރުހުން ދިނުން

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. ދީދީ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 27 ޖޫން 2018 އިގެ ރޭގަނޑު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން އޭނާ އެ މަގާމަށް ގެންނަން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ލަފާ ދެއްވީ އޭގެ ކުރީ ދުވަހު އެވެ.

ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ދީދީ އައްޔަންކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މަޖިލީހަށް ނިސްބަތްވާ އިދިކޮޅު މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިގެނެވެ.

ޑރ. ދީދީ ލިޔުއްވާފައިވާ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުލޫތައް

* އިސްލާމީ ފިގުހާއި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގައި ބައިނަލް އަގުވާމީ މުއާހަދާތައް ނިމިގެންދާ ގޮތްތައް، ޕީއެޗްޑީ ތީސިސް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަލްއަޒްހަރު ޔުނިވަރސިޓީ

* ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ ބާރު އިސްލާމީ ސިޔާސީ ނިޒާމާއި ކޮންޓެމްޕަރަރީ ސިޔާސީ ނިޒާމްތަކާއި އަޅާބެލުމާއެކު، މާސްޓަސް ޑިގްރީ ތީސިސް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، އަލްއަޒްހަރު ޔުނިވާސިޓީ

* ބައިނަލްއަޤްވާމީ މުއާހަދާތައް އެކުލަވާލުން

* ކްރިމިނަލް ލޯ އާއި އިސްލާމީ ޝަރީއަތުގައި އެބޯޝަން

* ޙާލަތު ބަދަލުވުން: ޕަބްލިކް އިންޓަނޭޝަނަލް ލޯ އާއި އިސްލާމީ ފިގުހުގައި ބައިނަލްއަގުވާމީ މުއާހަދާތައް ހުއްޓާލުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި