ހަބަރު

އާ ގާނޫނަކުން ކުދިންގެ ހައްގުތައް ރައްކާތެރިކުރަން ކައުންސިލެއް ހަދަނީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ހެދުމަށް އޭގެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ބިލް ހުށަހަޅުއްވާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ.

ބިލްގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހާއްސަ ކައުންސިލެއް ހެދުމެވެ. ބިލްގައިވާ ގޮތުން އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ކައުންސިލް ރައީސް އުފައްދަވަން ޖެހޭނެ އެވެ. ކައުންސިލްގައި ހިމެނެނީ ނުވަ މެންބަރުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ތެރެއިންނާއި ޖެންޑާ މިނިސްޓްރީންނާއި އެޑިއުކޭޝަން މިނިސްޓްރީންނާއި ހެލްތް މިނިސްޓްރީންނާއި ޔޫތް މިނިސްޓްރީންނާއި އިސްލާމިކް މިނިސްޓްރީންނާއި އެޗްއާރްސީއެމްއިންނާއި ބަންޑާރަ ނައިބުގެ އޮފީހުންނާއި އަމިއްލަ ޖަމިއްޔާއަކުން ބޭފުޅެކެވެ.

ކައުންސިލްގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ކަނޑައަޅާ ސިޔާސަތުތަކުގައި މިނިސްޓަރަށް ލަފާ އެރުވުމެވެ.

ބިލް ހުށަހެޅުއްވި މަގުސަދު ކަމަށް ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަގު ފަހިކޮށްދީ އެ މުއާހަދާގައި ބުނާ ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާ ބަޔާންކޮށް އެ ފަރާތްތައް ޒިންމާދާރު ކުރުވައި، ކުޑަކުދިންނާމެދު އެ ކުދިންގެ މައިންބަފައިން ނުވަތަ ބަލަހައްޓާ ފަރާތްތައް އަދާ ކުރަންޖެހޭ ޒިންމާތައް އަދާ ނުކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ އަނިޔާ ހުއްޓުވުމެވެ.

އޭގެ އިތުރުން ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރާ ބެލެނިވެރިންނާމެދު ފިޔަވަޅު އެޅުމަށް މަގުފަހިކުރުމާއި ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ދައުލަތާ އެހެން ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުޑަކުދިންނަށް އަޅާލައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމެއް ގާއިމްކުރުން ވެސް މަގުސަދުގައި ހިމެނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދެވޭ އުސޫލެއް ބަޔާންކޮށް އެ ކުދިންނާމެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމާއި
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިންނަށް އާއިލާއެއްގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުސަތު ދިނުމަށްޓަކައި އެކުދިން ފޮސްޓަ ކުރެވޭނެ އުސޫލުތައް ބަޔާންކުރުމާއި އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ހާއްސަ ފިޔަވަޅުތައް ތައާރަފުކުރުމަކީ ވެސް ބިލްގެ މަގުސަދެކެވެ. މި މަގުސަތައް ހާސިލުކުރުމަށް ބިލްގައި ގިނަ މާއްދާތަކެއް ހިމަނާފައިވެ އެވެ.

މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ 1991 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނަށް އިސްލާހެއް ވެސް ގެނެސްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.