އިސްލާހީ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނަކީ ސިއްރުން ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް އެކަމަނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސިއްރުން ރައީސް އަބްދުﷲ ޔާމީންއާއެކު ޔުމްނާ ޑީލް ހައްދަވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން މިއަދު ވަނީ ތުހުމަތު ކޮށްފަ އެވެ. އެކަމާ ގުޅިގެން ޔުމްނާ އެއްވެސް އެއްޗެއް ވިދާޅުވެއް ނުވެ އެވެ.
ނަމަވެސް ޔުމްނާ އަދި ފިރިކަލުން މުހައްމަދު ނަދީމްގެ ވަކީލްކަން ވެސް ކުރައްވާ މޫސާ ސިރާޖު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ޔުމްނާ ޑީލް ހެއްދެވި ކަމަށް ބުނެ ޔުމްނާއަށް އިތުރު ހިތާމައެއް ކުރިމަތިކުރުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
"ބައްޕަ ޖަލުގަ، ކޮއްކޮ ޖަލުގަ އަދި ފިރިކަލުން ޖަލުގަ، ޔުމްނާ މައުމޫންއަކީ އަޅުގަނޑު ދުށް އެންމެ ހިތްވަރު ގަދަ އެއް އަންހެން ކަނބަލު،" ސިރާޖު ވިދާޅުވި އެވެ.
ނަދީމްގެ އަނެއް ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، ރައީސް މައުމޫނާއި ފާރިސް އަދި ނަދީމަކީ ވެސް ޑީލްއަކުން އަމިއްލަފުޅު މިނިވަންކަން ހޯއްދަވަން މަސައްކަތް ކުރައްވާނެ ބޭފުޅުންނެއް ނޫންކަން ކަށަވަރު ކަމަށެވެ. އެ ބޭފުޅުން މިނިވަން ކުރަން ޔުމްނާ މައުމޫން ސަރުކާރާއެކު ޑީލެއް ނުހައްދަވާނެ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.
ޔުމްނާއާ ވަރަށް އަރިހުގައި މަސައްކަތް ކުރައްވާ ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތުން އަދިވެސް މަސައްކަތް ކުރަމުން ދަނީ މަޝްވަރާކޮށްގެން ކުރިއަށް ދާން ކަމަށެވެ. ގައުމަށް އޮތް ޒިންމާ މި ވަގުތު ވަރަށް ބޮޑު ކަމަށާއި އިސްކުރާނީ ގައުމު ކަމަށެވެ.
އިދިކޮޅު އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު މިހާރު ވެސް ރައީސް މައުމޫންގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށް ނާދިރާ ވިދާޅުވި އެވެ. މިއަދު ވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި ލީޑަޝިޕްގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ނާދިރާ އިތުރަށް ވިދާޅުވީ، ރައްޔިތުން މާޔޫސްވި ނުދޭނެ ކަމަށާއި އެއް ކެންޑިޑޭޓެއް ނެރެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރުމުގެ އަމާޒު އަދިވެސް އެބަ އޮތް ކަމަށެވެ.