ރިޕޯޓް

ބޮޑު ނިންމުމާއެކު ނަޝީދަށް ލޯތްބާއި ތައުރީފް!

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމައި، އެއް ފަރާތަކަށް މިއަދު ޖެހިވަޑައިގެންފައިވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެންމެ ތާއިދު ބޮޑު އިދިކޮޅު ލީޑަރެވެ. އެކި ގާނޫނުތަކުން ބޮޑެތި ހުރަސްތައް އައިސް ބައްދާލާފައިވާތީ އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ފިޔަވަޅެއް އެޅުއްވުންކަން ވިސްނިވަޑައިގެން މިއަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމާއެކު އެންމެ ތައުރީފާއި ލޯބި އެމަނިކުފާނަށް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި އިދިކޮޅު ކޯލިޝަންގެ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު ނިންމެވި ބޮޑު ނިންމުމާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެންމެ ތައުރީފާއި ލޯބި ލިބިފައިވަނީ ރައީސް ނަޝީދަށެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން، ރައީސް ނަޝީދުގެ ނިންމުވުން ސިފަ ކުރެއްވީ ރައްޔިތުންނަށް ކުރެއްވި ސޮދަގާތެއްގެ ގޮތުގަ އެވެ. އަދާލަތު ޕާޓީގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވިދާޅުވީ އެއީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، ގައުމު އިސްކުރައްވައި، 46،000 މެންބަރުން ދެއްވި ޓިކެޓް ދޫކޮށްލެއްވޭނީ ހިތްވަރުގަދަ ބޭފުޅަކަށް ކަމަށެވެ.

ރައީސް ނަޝީދުގެ ނިންމެވުމާއެކު އެމަނިކުފާނަށް ތައުރީފް އަމާޒުވަމުންދާއިރު، އެމްޑީޕީގެ ގިނަ އާންމު މެންބަރުން ވަރަށް ބޮޑަށް ހިތާމަ ވެސް ދަނީ ފާޅުކުރަމުންނެވެ. އެ މެންބަރުން ދެކެމުން އައި ހުވަފެންތައް އެއްކޮށް ގެއްލިގެން ދިޔައީމަ ތިބީ ވަރަށް ދެރަވެފަ އެވެ.

އެކަމަކު އެ މެންބަރުން ވެސް ބުނަނީ "ޝުކުރިއްޔާ ރައީސް ނަޝީދު" ކަމަށެވެ.