ހަބަރު

ނަޝީދުގެ ނަން ނޯންނާނެއޭ ތަކުރާރުކޮށް ބުނިން: ނިހާން

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން އެކި ބޭފުޅުން ތަފާތު ޝުއޫރުތައް ފާޅުކުރައްވަމުން ދަނިކޮށް ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިއްޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

ނިހާން މީގެކުރިން އެތައް ފަހަރަކު ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވިދާޅުވެފައިވާއިރު މިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވެސް ވަނީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނީ ގޮތުން މަގު ބަންދުވެފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު ވަކިން ކެމްޕެއިން ކުރައްވާތީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އެކަމާ ތިއްބެވީ ނުރުހުންވެފަ އެވެ. ބައެއް ބޭފުޅުން ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެފައިވެ އެވެ. ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ހިޔަނި ކެބިނެޓް ވެސް އިއުލާން ކުރެއްވި އެވެ.

އީސް ނަޝީދުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފް އެމަނިކުފާނަށް އަމާޒުވެފައިވާއިރު އިދިކޮޅު އެއް ކެންޑިޑޭޓެއްގެ އުއްމީދު އަނެއްކާވެސް ވަނީ އާވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.

އަޑުފެތުރުފައިވާ ގޮތުގައި، ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ފަހު ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ.