ޕްރައިމަރީއަކާ ނުލާ އިންތިހާބުގެ ޓިކެޓް ދިނުމުގެ ބާރު ގައުމީ މަޖިލީހަށް ނުވަތަ ކޮންގްރެސް ބޭއްވޭ ހާލަތްތަކުގައި ކޮންގްރެސްއަށް ލިބޭ ގޮތަށް އެމްޑީޕީގެ އަސާސީ ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ. މި އިސްލާހު ގަވައިދަށް ގެނައީ މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އަދާޔާ ހިލާފު ކޮންގްރެސްގަ އެވެ. އެ އިސްލާހު ހުށަހެޅުއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
ކޮންގްރެސްގައި އަސާސީ ގަވައިދަށް ބަދަލު ގެނެސްފައިވަނީ ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ވެއްޖެނަމަ ހަދާނެ ގޮތެއް އެމްޑީޕީގައި ނެތުމުންނެވެ.
އެ ޕާޓީއަށް މިހާރު ވަނީ އެ ހާލަތާ ކުރިމަތިވެފަ އެވެ. އެމްޑީޕީއިން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދަވައިގެން ޓިކެޓް ހޯއްދަވާފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން މަގުތައް ބަންދުވެފައިވާތީ އެމަނިކުފާނު ވަނީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފަ އެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތެއް މިހާރު އެމްޑީޕީއަކަށް ނެތެވެ. އެހެންވެ އެ ޕާޓީން ނިންމާފައިވަނީ ކޮންގްރެސްގައި އަސާސީ ގަވައިދަށް ބަދަލު ގެނެސްގެން ހައްލު ހޯދުމަށެވެ.
އަސާސީ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ގައުމީ މަޖިލީހަށް ނުވަތަ ކޮންގްރެސްއެއް ބޭއްވޭ ހާލަތުގައި ކޮންގްރެސްއަށް ލިބޭނެ އެވެ. ކޮންގްރެސްއަށް ނަމެއް ހުށަހެޅި ތާއިދު ލިބިއްޖެނަމަ އެމީހަކަށް ޓިކެޓް ހަވާލުކުރާނެ އެވެ.
މި އިސްލާހު މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް އަމަލުކުރާ ގޮތަށް ގެނައި އިސްލާހެކެވެ.
ކޮންގްރެސްގައި އިސްލާހު ފާސްކުރުމަށް ނެގި ވޯޓުގައި އިސްލާހާ އެއްކޮޅަށް 679 މަންދޫބުން ވޯޓު ދެއްވި އެވެ. ކޮންގްރެސްގައި ބައިވެރިވީ 823 މަންދޫބުންނެވެ.
މިގޮތަށް ގަވައިދު އިސްލާހުކޮށްފައިވާއިރު އަޑުފެތުރުފައިވާ ގޮތުގައި، ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ފަހު ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރޭ އިދިކޮޅު ޕާޓީތަކުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކީ ޕާޓީތަކުން ނެރޭނެ އެއް ކެންޑިޑޭޓް ކަމަށް އެއްބަސްވެފަ އެވެ. ރަނިންމޭޓް ނެރޭނީ ޖުމްހޫރީ ޕާޓީންނެވެ.