ހަބަރު

މާޔޫސް ނުވޭ، ކެންޑިޑޭޓާ މެދު މިއަދު ގޮތް ނިންމާނަން: އިބޫ

އއ. އުކުޅަސްއިން: އިބްރާހިމް
Jun 30, 2018
5

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވައި އިންތިހާބުގައި ވާދަނުކުރަން ނިންމި ނިންމުމަކީ އެމްޑީޕީއަށް ލިބުނު މާޔޫސްކަމެއް ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ މައްސަލައިގައި މިއަދުގެ ކޮންގްރެސްއިން ގޮތްތަކެއް ނިންމާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ފެށުމުގެ ކުރިން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، އެންމެންގެ އަމާޒަކަށް މިހާރު އޮތީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިންމުމަށް ކަމަށާއި އެމްޑީޕީގެ ކޮންގްރެސްގެ މައިގަނޑު އަމާޒުވެސް ހުރީ ރައީސް ޔާމީން ބަލިކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަގުފަހިވާނެ ނިންމުންތައް ނިންމުމަށް ކަމަށެވެ. އިބޫ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ ޓިކެޓް ލިބޭ ފަރާތުން އެކަން ދޫކޮށްލާ ހާލަތެއްގައި ކަން ކުރާނެ ގޮތް އަސާސީ ގަވާއިދުގައި ނެތް ކަމަށެވެ. އަދި މިއަދު ކުރާނެ އެންމެ ބޮޑު މަސައްކަތަކީ، އެފަދަ ހާލަތެއްގައި ކަންކުރާނެ ގޮތުގެ އިސްލާހެއް އަސާސީ ގަވާއިދަށް ގެނައުން ކަމަށް އިބޫ ވިދާޅުވި އެވެ.

"އެއްގޮތަކީ މިތަނުން ކެންޑިޑޭޓެއް ނެގުން، ނޫނީ ގައުމީ މަޖިލީހުން ކެންޑިޑޭޓެއް ނެގުން. މިތަނުން ކޮންމެވެސް އެއްގޮތަކަށް ނިމިގެން ދާނެ. އަސާސީ ގަވާއިދަށް އެބަދަލު އަޅުގަނޑުމެން ގެންނާނެ. ރިޔާސީ ކެންޑިޑޭޓްގެ ކަންތަކުގައި އަޅުގަނޑުމެން ކުރިއަށް ދާނެ ގޮތެއް މިއަދު ކޮންގްރެސްގެ ތެރެއިން ނިމޭނެ. އެ ދިމާލަށް އަޅުގަނޑުމެންގެ ކޮންގްރެސްގެ ފޯކަސް މި އޮތީ،" އިބޫ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެންގެ އަމާޒުވެސް މި ހުރީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިންމަން. އެގޮތަށް އަޅުގަނޑުމެންގެ ކޮންގްރެސްގައި ވެސް ނިންމުންތައް ނިމިގެން ދާނީ،"

އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުމަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ނަންގަވަން ޖެހިވަޑައިގެން ފިޔަވަޅެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓަކަށް އިބޫ އެންޑޯޒްކޮށްފި ނަމަ އެކަން ގަބޫލު ކުރާނަންތޯ އަވަސް އިން ދެންނެވުމުން އިބޫ ވިދާޅުވީ، އޭނާގެ ނިންމުން ބިނާވާނީ ކޮންގްރެސް އިން ކަންކަން ނިންމާ ގޮތްތަކަކަށް ކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސްއަކީ މުހިންމު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.