ހަބަރު

ކޮންގްރެސްގެ ނިންމުންތަކުން އެމްޑީޕީ އެކަތިގަނޑަކަށްވާނެ: ޝާހިދު

އއ. އުކުޅަހުން: އިބްރާހިމް
Jun 30, 2018

މިއަދު އއ. އުކުޅަހުގައި ކުރިއަށްދާ ކޮންގްރެސްގައި ނިންމާ ނިންމުތަކުން އެމްޑީޕީ އެއްބައިވަންތަވެގެންދާނެ ކަމަށް އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅެއް ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ފެށުމުގެ ކުރިން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމަކީ އެމްޑީޕީގެ މެންބަރުންނަށް ސިހުން ލިބުނު މާޔޫސްކަން ގެނުވި ހަބަރެއް ކަމަށެވެ. ނަމަވެސް މި ކޮންގްރެސްގެ ތެރެއިން ނިންމާ ނިންމުންތަކުން އެމްޑީޕީ އެކަތިގަނޑަކަށް ވެގެން އަންނަ ތަން ފެނިގެންދާނެ ކަމަށެވެ.

"ސިހިގެންދާ ފަދަ ހަބަރެއް ލިބުނީ، މިހާރު އިލެކްޝަން ކޮމިޝަނުން ބުނަމުންދާ ގާނޫނާ ހިލާފު ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓެއް ނުހުރެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަންނަވާ ވާހަކަ ވިދާޅުވި، އެއީ އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށް މާޔޫސްކަން ލިބުނު ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން މިއަދު ކޮންގްރެސްގައި ނިންމާނަން ރައީސް ނަޝީދަށް ފުރުސަތު ލިބިވަޑައިގެނޭތޯ އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމުގެ، އެ ޔަގީންކަން މިއަދުގެ ކޮންގްރެސްއިން ލިބިގެން ދާނެ، އަދި އަޅުގަނޑުމެން އަސާސީ ގަވައިދަށް ގެންނަ ބަދަލުން އަޅުގަނޑުމެން ބޭނުންވާ ކެންޑިޑޭޓަކު ރައީސް ނަޝީދަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގަ ވެސް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާނެ ކޮމަން ކެންޑިޑޭޓެއް ނިންމާނަން،"

ޝާހިދު އިތުރަށް ވިދާޅުވީ، އުކުޅަހުން މިއަދު އެމްޑީޕީއިން ފަށަނީ ބޮޑު މަސައްކަތެއް ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރުމުގެ މަސައްކަތް ކަމަށެވެ. އިންތިހާބުގައި ރައީސް ޔާމީން ބޮޑު ތަނުން ބަލިކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނެރޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައެވެ. ނަޝީދަށްފަހު އިބޫއަށް އެ ޓިކެޓް ދޭން އެއީ އެމްޑީޕީ ގިނަ މީހުން ބޭނުންވާ ގޮތެވެ.

ކޮންގްރެސްގައި އިބޫއަށް އެމްޑީޕީގެ ޓިކެޓްދީ ކެންޑިޑޭޓަކަށް ހަދާނެ ކަމަށް ބެލެވޭއިރު އެމްޑީޕީގެ ކެންޑިޑޭޓްގެ ފަހަތަށް އިދިކޮޅުގެ ހުރިހާ ޕާޓީތަކެއް އެރުމަށް ރޭ ވަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވެފަ އެވެ. އެހެންވީއިރު އިބޫ ވެގެން ދާނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނޫނެވެ. މުޅި އިދިކޮޅުގެ ކެންޑިޑޭޓަށެވެ.