ކުޅިވަރު

ނިއުއާ ދެކޮޅަށް ފީފާއަށް މައްސަލަ ވައްދައިފި

މި އަހަރު ނިއު ރޭޑިއަންޓަށް ގެނައި ސްޕެއިންގެ ފޯވަޑް ގްއިލާމް މާޓީ މިސްޓް، ނިއުގެ މައްސަލަ ފީފާއަށް ހުށަހަޅައިފި އެވެ.

މާޓީގެ ފަރާތުން ފީފާއަށް މައްސަލަ ހުށަހެޅީ، ނިއު އިން އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރުމުން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ނިއު އިން މާޓީއާއެކު އެއްބަސްވުން ހެދީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ ފަރާތުން އެކަށީގެންވާ ވަރު ކުޅުމެއް ނުފެނުމުން، މާލޭ ލީގްގެ ދެ ވަނަ ބުރު ފެށުނު ތަނުން ނިއު އިން ވަނީ އޭނާގެ އެއްބަސްވުން ބާތީލު ކުރުމަށް ފަހު ރަށަށް ފޮނުވާލާފަ އެވެ.

މި ކަމާ ބެހޭގޮތުން ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ، މާޓީގެ އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގައި ބުނާ އުސޫލުތަކުގެ މަތިން ކަމަށެވެ.

"ސީޒަންގެ ދެތިން މެޗެއް ކުޅެވުނު އިރު ވެސް މާޓީގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނު، ދެން އަޅުގަނޑުމެން ދިނީ އޭނާ އަށް އެއް މަސް ދުވަސް، އެއް މަސް ދުވަހުގެ ތެރޭގައި ކުޅުމަށް ކުރިއެރުމެއް ނައިސްފިނަމަ އެއްބަސްވުން ބާތިލު ކުރެވޭނެ ކަމަށް އަޅުގަނޑުމެން އޭނާ އަށް އެންގިން،" ނިޔާޒް ވިދާޅުވި އެވެ.

"އެއް މަސް ދުވަހުގެ ތެރޭގައި އޭނާގެ ކުޅުމުގެ ފެންވަރަށް ކުރި އެރުމެއް ނައުމުން އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް ކުލަބުން ނިންމީ."

ކޮންޓްރެކްޓް ބާތިލް ކުރިއިރު ދޭން ޖެހޭ ބަދަލު ދީފައި ވޭތޯ އެހުމުން ނިޔާޒް ވިދާޅުވީ، އެއްބަސްވުން ބާތިލު ކުރާއިރު ބަދަލުގެ ގޮތުގައި ދޭން ޖެހޭ މިންވަރު ހިފައިގެން އޭނާ ގާތަށް ދިއުމުން އެއާ ހާވަލުވާން ދެކޮޅު ހެދި ކަމަށެވެ.

"ދެ ހެކިވެރިންނާއެކު އަޅުގަނޑުމެން ދިޔައިން އޭނާ ގާތަށް ކޮންޓްރެކްޓް ބާތިލު ކުރުމަށް، އަޅުގަނޑުމެން ދިޔައީ ދެ މަހުގެ މުސާރަ އާއި އަދި އޭނާ އަށް ނޯޓިސް ދިން މަހުގެ މުސާރަވެސް ހަވާލު ކުރުމަށް، ނަމަވެސް އޭނާ ވަނީ އެއާ ހަވާލުވާން ދެކޮޅު ހަދާފަ."

ނިޔާޒް ވިދާޅުވީ، މާޓީގެ ފަރާތުން ފީފާއަށް މައްސަލަ ހުށަހަޅިކަން އެނގިފައި ނުވާ ކަމަށެވެ. މައްސަލައާ ގުޅިގެން ނިއުގެ ފަރާތުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްތައް ފޮނުވަން ފީފާއިން އެންގިހާ އަވަހަކަށް ޑޮކިޔުމެންޓްތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކިޔުމެންޓްތަކުން އެނގޭނެ ކުލަބުން ކަންތައް ގެންދިޔައީ އޮންނަ މަރުހަލާގެ ތެރެއިން ކަމަށް، އަދި އޭނާގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ބަދަލު ދޭން ހުށަހެޅުމުން އޭނާ ކަންތައް ކުރި ގޮތްވެސް ހެކިވެރިންގެ ހެކި ބަހާއެކު ކުލަބުގެ ލޯޔަރު މެދުވެރިކޮށް ފީފާއަށް ހުށަހަޅާނަން."

މިދިޔަ ސީޒަންގައި، ނިއު އަށް ކޯޗް ކޮށްދިން، ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭޒް ވަނީ ނިއު އާ ދެކޮޅަށް ފީފާއަށް މައްސލައެއް ހުށަހަޅާފަ އެވެ. ނިޔާޒު ވިދާޅުވީ، ޓަވަރޭޒް ކޯޗު ކަމުން ވަކި ކުރުމުގެ ކުރިން ނިއު އިން އަމަލުކޮށްފައިވާ މަރުހަލާތައް އެނގެނެ ގޮތަށް ފީފާއަށް ފޮނުވި ކަމަށެވެ.

މި ސީޒަންގައި، ނިއު އަށް ކުޅުނު އަފްޣާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީ ވެސް ވަނީ ނިއު އާ ދެކޮޅަށް ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އޭނާ ރާއްޖެ ދޫކޮށް ދިޔައީ ކުލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލު ނުކުރަނީސް، ކުލަބާ މައްސަލަ ޖެހިގެންނެވެ.

އަވަސް އަށް އެނިގިފައިވާ ގޮތުގައި ނިއު އިންވެސް ދަނީ އަމީރީގެ މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރު ވަމުންނެވެ.