މިދިޔަ ސީޒަންގެ ކުރީކޮޅު ނިއު ރޭޑިއަންޓަށް ކުޅުނު، އަފްޣާނިސްތާންގެ ޑިފެންޑަރު، ޒޯހިބް އިސްލާމް އަމީރީއަށް، 45،636 އެމެރިކާ ޑޮލަރު 45 ދުވަހުގެ ތެރޭގައި ދިނުމަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ނިއު ރޭޑިއަންޓަށް އަންގައިފި އެވެ.
ނިއު އިން އޭނާއަށް މުސާރަ ނުދީ އޮތުމުން، އަމީރީގެ ފަރާތުން ފީފާއަށް ހުށަހެޅި، މައްސަލަ ބެލުމަށްފަހު ފީފާއިން ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ވަނީ، އަމީރީއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 13،250 ޑޮލަރާއި، މަގުބޫލު ސަބަބެއް ނެތި އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، އޭނާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 30،130 ޑޮލަރު ދިނުމަށެވެ.
އެނގިފައިވާ ގޮތުގައި، ނިއު އަށް މިދިޔަ އަހަރު ކުޅުނު، ސްޕެއިންގެ އޭންޖަލް ރުއިޒް 'ކަންޑެލާ' އާއި ހޮޖޭ ގޮޓާރ އާއި ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސްއަށް ދޭން ޖެހޭ މުސާރަވެސް ނުދެ އެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން އެ މައްސަލަ ފީފާއަށް ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. މިދިޔަ އަހަރު ލީގްގެ ކުރީ ކޮޅު، ހޯޖޭ ގޮޓާރ ވެސް މުސާރައިގެ މައްސަލަ ޖެހި ކުލަބުގެ ޕްރެކްޓިހަކަށް ނިކުތުން އޭނާ ހުއްޓާލި އެވެ. އެކަމާ ބެހޭގޮތުން، އޭރު ނިއުގެ ކޯޗަކަށް ހުރި، ބުރުޒޮން އާ ސުވާލު ކުރުމުން އޭނާ ބުނީ، މޭނޭޖުމެންޓާ އެ ސުވާލު ކުރުމަށް އެދޭ ކަމަށެވެ.
ފަހުން އެނގުނު ގޮތުގައި އެ ވަގުތު އޭނާވެސް ޕްރެކްޓިހަށް ނިކުތުން ހުއްޓާލީ މުސާރަ ނުދީ އޮތުމުންނެވެ. ފަހުން އޭރު އޭނާއަށް ނުދީ ހުރި މުސާރަ ދިނުމަށް ފަހު، އޭނާއާ އެކު އާ އެއްބަސްވުމެއްގައި ނިއު އިން ސޮއި ކުރި އެވެ. އާ އެއްބަސްވުމުގެ ދަށުން އޭނާއަށް ދޭން ޖެހޭ މުސާރަ ނުދޭ މައްސަލަވެސް ވަނީ ފެންމަތި ވެފަ އެވެ.
މުސާރަ ނުދީ އޮތުމުން، މިިދިޔަ އަހަރު މެދު ތެރޭގައި، އަމީރީ ވަނީ އަމިއްލައަށް ރާއްޖެ ދޫކޮށް ފުރާފަ އެވެ، އޭރު ނިއު އިން ބުނީ އޭނާ ފުރައިގެން ދިޔަކަން، ޓީމުގެ މެނޭޖުމެންޓަށް އަންގާފައި ނުވާ ކަމަށެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ނިއުއިން އޭނާއާ މެދު ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހި ހުރެ އެވެ.
ނިއު އިން ބުނީ އޭނާއަށް ވަކި އެޕާޓްމެންޓެއް ދޭން ޑިމާންޑް ކޮށްފައިވާ ކަމަށެވެ، އެހެންނަމަވެސް އޭނާއަށް ވަކި އެޕާޓްމެންޓެއް ދޭން އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ. އަދި ކުލަބަށް ނާންގައި ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ މައްސަލަ ފީފާއަށް ފޮނުވާނެ ކަމަށް އޭރު ނިއު އިން ބުނެފައި ވެއެވެ.
މިދިޔަ އަހަރު ނިއު އަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަވެސް ފެންމަތިވި އެވެ. އެގޮތުން އަލީ އަޝްފާގް 'ދަގަނޑޭ' އަށް މުސާރަ ނުދޭ މައްސަލަ ތަކުރާރު ވަމުން ދިއުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް އޭނާގެ ފަރާތުން އެފްއޭއެމްގެ ޕްލޭއާސް ކޮމިޓީއަށް ހުށަހެޅުމުން، ޕްލޭއާސް ކޮމިޓީން ވަނީ އޭނާއާއި ނިއު އާ ދެމެދު އޮތް އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އެއަށްފަހު ޖޫން ޓްރާންސްފާގައި އޭނާ ބަދަލުވީ ޓީސީ އަށެވެ.
ނިއުގެ ގޯލްކީޕަރު، އިމްރާން މުހައްމަދަށްވެސް، މުސާރައިގެ މައްސަލަ ދިމާވުމުން، އޭނާ ވަނީ މުސާރަ ހަމަޖައްސައި ދިނުމަށް ކުލަބަށް ލިޔުމުން ހުށަހަޅާފަ އެވެ. އެއަށްފަހުވެސް ކުލަބުން މުސާރަ ނުދިނުމުން، އާންމުދަނީ ހޯދަން ވަގުތު ހުސް ކުރުމަށްޓަކައި ކުލަބުގެ ޕްރެކްޓިހަށް ނިކުމެވޭން ނެތްކަން ލިޔުމުން އެންގުމަށް ފަހު، ކުލަބުގެ ޕްރެކްޓިހަށް ނިކުތުން އޭނާ ހުއްޓާލި އެވެ. އެއަށް ފަހުވެސް މުސާރައިގެ މައްސަލަ ކުލަބުން ހައްލުކޮށް ނުދިނުމުން، އެފްއޭއެމަށް މައްސަލަ ހުށަހެޅި އެވެ. އެފްއޭއެމުގެ ޕްލޭއާސް ކޮމިޓީން މައްސަލަ ބަލަމުން ދަނިކޮށް، ނިއު އިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ.
ކޮންޓްރެކްޓް ބާތިލު ކުރުމާ ހަމައަށް އޭނާގެ ފަރާތުން ކުލަބަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބެއްވެސް ދީފައެއް ނުވެ އެވެ. މިދިޔަ މަހު އެފްއޭއެމުން ވަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ސަސްޕެންޑް ކޮށްފަ އެވެ. އެފްއޭއެމުން ބުނީ ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށެވެ.
ނިއުގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު 'ހަމްޕް' އަށް ވެސް މުސާރަ ނުދީ އޮތުމުން އޭނާ އެފްއޭއެމްއަށް ހުށަހެޅި މައްސަލައާ ގުޅިގެން އެފްއޭއެމުން ވަނީ މި ހަފުތާގައި އޭނާވެސް ނިއު އާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ.
ނިއު ސަސްޕެންޑް ކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް
ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އޭގެ ފަހަތުގައި ވަނީ އެހެން މަންޒަރެކެވެ. އެފްއޭއެމުގެ މިހާރުގެ ލީޑާޝިޕާ މެދު އިތުބާރު ނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލައިގައި އެންމެ އިސް ކުލަބަކީ ނިއު ރޭޑިއަންޓެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ހުށަހެޅުމަށް ކުލަބުތަކުން ދަނީ ތައްޔާރު ވަމުންނެވެ. އެ ކަމުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތައް ބައިވެރިވާއިރު، އެ މަސައްކަތުގައި ބައިވެރިވާ އެހެން ކުލަބުތަކުގައިވެސް މުސާރައިގެ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. ނަމަވެސް އެއިން ކުލަބަކަށް ސަސްޕެންޑް ކުރުން ފަދަ ހަރުކަށި އަދަބެއް މީގެ ކުރިން އެފްއޭއެމުން ދީފައެއް ނުވެ އެވެ.