މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީއަށް ދޭން ޖެހޭ ފައިސާ ދިނުމަށް ތަކުރާރުކޮށް އެންގުމުންވެސް މުސާރަ ދިން މުއްދަތު ފަހަނައަޅައި ދިއުމުން، ފީފާގެ އަދަބު ނިއު އަށް އަތުވެއްޖެ އެވެ.
ފީފާއިން އަޅާފައިވާ ފިޔަވަޅަކީ، ކުރިއަށް އޮތް ޓްރާންސްފާގެ ތިން ޕީރިއަޑްުގައި ނިއުއަށް އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތް ހެދުމެވެ.
ނިއު ރޭޑިއަންޓާ ދެކޮޅަށް އަމީރީ، މިދިޔަ އަހަރު ފީފާ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، މިއަހަރުގެ ފެބްރުއަރީ މަހު ފީފާއިން ވަނީ އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 13،250 ޑޮލަރާއި ގަވާއިދާ ހިލާފަށް އެއްބަސްވުން އުވާލުމުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 30،130 ޑޮލަރު ދިނުމަށް އަންގާފަ އެވެ.
ފީފާއިން ދިން 45 ދުވަހުގެ މުއްދަތުގައި، އެންގި އެންގުމަށް އަމަލު ކޮށްފައި ވޭތޯ ބެލުމަށް ފީފާއިން ވަނީ ނިއު ރޭޑިއަންޓަށް މި މަހު 15 ދުވަހު ސިޓީ ފޮނުވާފަ އެވެ. ފީފާއިން ފޮނުވި ސިޓީއަށް ޖަވާބު ދީފައެއް ނުވެ އެވެ. އިއްޔަ ފީފާއިން ފޮނުވާފައިވާ ސިޓީގައި ވަނީ އަދަބެއްގެ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ތިން ޕީރިއަޑުގައިވެސް އާ ކުޅުންތެރިޔެއް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް އަންގާފަ އެވެ. އެހެންނަމަވެސް، އެ ފައިސާ ދައްކައި ފިނަމަ ފީފާގެ އަދަބު އެޕްލައި ނުވާނެ ކަމަށްވެސް ފީފާއިން ބުނެފައި ވެއެވެ. އެވެ.
މިދިޔަ އަހަރު މެދުތެރެއިން، އަމީރީ ރާއްޖެ ދޫކޮށް ދިޔައީ ނިއުގެ މެނޭޖުމެންޓުން އޭނާއަށް ދޭން ޖެހޭ މުސާރަ ނުދިނުމުން، މެނޭޖުމެންޓާ މައްސަލަ ޖެހިގެންނެވެ. ނިއުގެ އޮފިޝަލަކު އޭރު ބުނީ، އަމިރީއަށް މުސަރާ ދޭން ދިއުމުން އެ ފައިސާގައި ހިފުމަށް އޭރު އޭނާ ދެކޮޅު ހެދި ކަމަށާއި އޭނާ އެކަން ކުރީ، ކުލަބާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ފަރާތުން ޑިމާންޑް ކުރީ ކޮންޓްރެކްޓްގައި ނުހިމެނޭނެ ކަންތައްތަކެށް ކަމަށް އޮފިޝަލް ބުންޏެވެ.
ނިއު އިން އޭރު، ބުނީ އަމީރީ ރާއްޖެ ދޫކޮށް ދިޔައީ ޓީމުގެ ކޮންޓްރެކްޓްގައި ހުއްޓައި ޓީމަށް ނާންގައި ކަމަށާއި، އެކަމާ ގުޅިގެން އޭނާގެ މައްސަލަ ފީފާއަށް ހުށަހަޅާނެ ކަމަށެވެ. އެހެންނަމަވެސް ނިއު އިން އެ މައްސަލަ ފީފާއަށް ހުށަހަލާފައެއް ނުވެ އެވެ.
ނިއު ރޭޑިއަންޓްގެ ލޯކަލް 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 2.8 މިލިއަން ރުފިޔާ ނުދީ އޮތުމުން، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ މި އަހަރުގެ ޖަނަވަރީ މަހު އެވެ. އެކްސްކޯއިން އެޅި ސަސްޕެންޝަންގެ ފިޔަވަޅު މާޗް މަހު 25 ގައި ބޭއްވި ކޮންގްރެސް އާ ހަމައަށް ދެމި އޮތެވެ. އެ ދުވަހު ބޭއްވި ކޮންގްރެސްގައި ކުލަބުތަކުން ވޯޓް ދީފައި ވަނީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އެގޮތުގައި ދެމެހެއްޓުމަށެވެ.
ނިއު އަށް 2017 ވަނަ އަހަރު ކޯޗް ކޮށްދިން ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭޒްއަށް ދޭން ޖެހޭ މުސާރަ އާއި ކޮންޓްރެކްޓް ބާތިލު ކުރުމުން ދޭން ޖެހޭ ބަދަލު ނުދީ އޮތުމުން އޭނާގެ ފަރާުން ހުށަހެޅި މައްސަލަވެސް ފީފާއިން ދަނީ ބަލުމުންނެވެ. އަދި މިދިޔަ އަހަރު ނިއު އަށް ކުޅުނު ސްޕެއިންގެ ފޯވަޑް ގްއިލާމް މާޓީ މިސްޓްގެ ކޮންޓްރެކްޓް ބާތިލު ކުރުމުން އޭނާ އަށް ދޭން ޖެހޭ ބަދަލު ނުދީ އޮތުމުން އޭނާގެ ފަރާތުންވެސް ވަނީ ފީފާއަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓްގައި މޮޅު ކުޅުމެއް ދެއްކި، އެންހަލް ރުއިސް 'ކަންޑެލާ' އަށް ދޭން ޖެހޭ މުސާރަ ވެސް ނުދީ އޮތުމުން އެ މައްސަލަވެސް ފީފާއަށް ހުށަހަލާނެ ކަމަށް މީގެ ކުރިން އޭނާގެ އެޖެންޓް ވަނީ ބުނެފަ އެވެ.