ހަބަރު

ހިއުމަން ޓްރެފިކިން ހުއްޓުވުމުގައި ރާއްޖެ އަނެއްކާވެސް ފަހަތަށް

Jul 1, 2018

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން މިދިޔަ އަހަރު ހޯދި ކާމިޔާބީގެ މައްޗަށް އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ބުނެ، އެއް ދަރަޖަ ފަހަތަށްޖެހި، ރާއްޖެ އަނެއްކާވެސް ވޮޗް ލިސްޓުގައި ހިމެނިއްޖެ އެވެ.

ދުނިޔޭގެ ގައުމުތަކުގައި އިންސާނީ ވަގުފާރި އޮތް މިންވަރު ބަޔާންކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު އެލުލަވައިލާ ރިޕޯޓް "ޓްރެފިކިން އިން ޕާސަންސް ރިޕޯޓް" (ޓީއައިޕީ) ގެ ޓިއާ 2 އަށް މިދިޔަ އަހަރު ރާއްޖެ ބަދަލުކުރި ނަމަވެސް މިއަހަރު އަނެއްކާ ވެސް ވަނީ ޓިއާ 2 ވޮޗް ލިސްޓްގައި ހިމަނާފަ އެވެ.

ޓިއާ 2 އާއި ޓިއާ 2 ވޮޗްލިސްޓްގެ ތަފާތު

ޓިއާ 2 ވޮޗް ލިސްޓަކީ ޓީވީޕީއޭ ގައިވާ އެންމެ ދަށް މިންގަނޑަށް ފިޔަވަޅު ނޭޅުނު ނަމަަވެސް އެކަމުގައި ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމާއެކުގައި ވެސް، އަންނަނިވި ތިން މައްްސަލަ އޮތް ގައުމުތަކެވެ.

ޓީއައިޕީގެ ޓިއާ 2 ގައި ހިމެނޭ ގައުމުތަކަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން އެމެރިކާގައި 2000 ވަނަ އަހަރު ފާސްކޮށް އަދި ފަހުން އިސްލާހުކޮށްފައިވާ ގާނޫނު 'ދަ ޓްރެފިކިން ވިކްޓިމްސް ޕްރޮޓެކްޝަން އެކްޓް އޮފް 2000 އޭސް އެމެންޑެޑް (ޓީވީޕީއޭ) ގައިވާ އެންމެ ދަށް މިންގަނޑަށް އިންސާނީ ވަގުފާރިހުއްޓުވަން ފުރިހަމަ އަށް ފިޔަވަޅު ނޭޅުނު ނަމަވެސް އެކަމުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދާފައިވާ ގައުމުތަކެވެ.

މިގޮތުން އޮންލައިންކޮށް ޓްރެފިކިންގް މައްސަލަތައް ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށް، ކަމާބެހޭ އިދާރާތަކުގެ ވަސީލަތްތައް ހަރުދަނާ ކުރުމުގައި ކާމިޔާބީތަކެއް ދިވެހި ސަރުކާރުން ހޯދާފައިވީ ނަމަވެސް، 2017 ވަނަ އަހަރު ކުރެވިފައިވާ މަސައްކަތްތަކާއި ގާތަށް ވެސް ފާއިތުވި އަހަރު މަސައްކަތް ނުކުރެވޭ ކަމުގައި މިއަހަރުގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އަދި ޓްރެފިކިންގް ގެ ޝިކާރައަށްވާ މީހުން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަމާއި، އެފަދަ މީހުން ބޭއްތިބުމަށް އެކަށީގެންވާ ތަނެއް ގާއިމުކުރެވިފައި ނެތުމުގެ އިތުރުން، އެމީހުންނަށް ނަފްސާނީ ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖެއްސިފައިނެތުމަކީ އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތް ވަރަށް ބޮޑުތަން ދަށަށް ގޮަސްފައިވާ މައިގަނޑު ސަބަބުތައް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭން ދެން ކުރަން ޖެހޭ ކަންތަައްތައް

އިންސާނީ ވަގުފާރި ހުއްޓުވަން ރާއްޖޭން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ހުށަހަޅާފައިވާ އެއް ކަމަކީ ރާއްޖޭގެ ގާނޫނުގައި އިންސާނީ ވަގުފާރި ބަޔާންކޮށްފައިވާ ގޮތް 2000 ޔޫއެން ޕީިއައިޓީ ޕްރޮޓޮކޯލް އާ އެއްގޮތް ކުރުމެވެ. އަނެއް ކަމަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ މީހުން ބަލަހައްޓައި ރިހެބިލިޓޭޓް ކުރާނެ ވަސީލަތެއް އަލުން ގާއިމުކޮށް، އެފަދަ މީހުން ހިމާޔަތްކޮށް އެކަށީގެންވާ ފަރުވާ ކަށަވަރުކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ވަގުފާރީގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވެސް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ކަމެކެވެ.