ކުޅިވަރު

ކޮލެޖް މޮޑެލްއަށް ގައުމީ ފުޓްބޯޅަ އެކެޑެމީ ހުޅުވަނީ

ރާއްޖޭގައި ހުޅުވާ އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފުޓްބޯޅަ އެކެޑެމީ، ކޮލެޖެއްގެ މޮޑެލްއަށް އަންނަ ސެޕްޓެމްބަރުގައި ހުޅުވަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ފުޓްބޯލް އެކެޑެމީއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރެއްވީ، 2016 ވަނަ އަހަރު އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ހުޅުމާލޭގައި ގާއިމު ކުރާ ފުޓްބޯޅަ އެކެޑެމީގެ ގާއިމު ކުރާނީ 100 ކުދިންނަށް ތަމްރީން ފޯރުކޮށްދެވޭ ގޮތަށް ކަމަށެވެ. އެކެޑެމީ ކުރިއަށް ދާނީ ބޯޑިން ކޮލެޖެއް ހިންގާ ގޮތަށް ކުދިންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތަށެވެ.

"ކޮލެޖެއްގެ ބޯޑިން ހުންނަ ކަހަލަ ގޮތަކަށް މި އެކެޑެމީ ދާނީ ފުޓްބޯޅައާ ކިޔެވުމާ އެކީގައި ކުދިން އައިސް ތިބޭ ގޮތަށް،" ބައްސާމް ވިދާޅުވި އެވެ. "އެކެޑެމީގައި އެ ކުދިން އެއް އަހަރުން އަނެއް އަހަރަށް ލެވަލްތައް މައްޗަށް ދާގޮތަށް ރާވާފަ ވާނީ، އަދި ހަމަ އެއާއެކީގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ވެސް ޑިވެލޮޕް ވަމުން ދާން ވާނެ."

ބައްސާމް ވިދާޅުވީ، އެކެޑެމީއަށް ކުދިން ހޯދުމަށް، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ ބޭފުޅުން މި މަހު ފަހު ކޮޅު ރަށްރަށަށް ވަޑައިގަންނަވަން ފައްޓާވާނެ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އެކެޑެމީގެ ތަމްރީންތައް ފެށުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ރާވާފަ އޮންނާނީ، އެކެޑެމީ ފަށާތާ ފަސް އަހަރު ތެރޭގައި ފުރަތަމަ ޑިވިޝަން ނުވަތަ ދެ ވަނަ ޑިވިޝަނަށް ކުޅުންތެރިން ނެގުމުގައި، އެ އެކެޑެމީގައި ތަމްރީންތައް ފުރިހަމަ ކޮށްފައި ތިބި ކުޅުންތެރިން ނެގޭގޮތަށް ކުރިއަށް ދާނީ، ފުރަތަމަ ފަސް އަހަރު ތެރޭގައި ކުލަބުގެ 30 ޕަސަންޓް ކުޅުންތެރިންނަކީ މި ތަނުގެ ކުޅުންތެރިންނަށް ވާން ޖެހޭނެ، 10 ނުވަތަ 12 އަހަރު ތެރޭގައި އަޅުގަނޑުމެން ބަލާނީ ކުލަބުތަކަށް ދާ ކުޅުންތެރިންގެ 100 ޕަސަންޓަކީ މިތަނުގެ ކުޅުންތެރިންނަށް ވާން ޖެހޭނެ ކަމަށް."

އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ އެކެޑެމީ ފަށާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެކެޑެމީއަށް ކުދިން ހޯދާއިރު ތިން މިންގަނޑެއް އެފްއޭއެމް ވަނީ އެކުލަވާލާފަ އެވެ.

"އަޅުގަނޑުމެން އެބަބަލަން ކުދިންގެ އިސްކޮޅަށް، ކުދިންގެ ބަރުދަނަށް، ދެން ސިއްހީ ގޮތން ރަނގަޅު ކުއްޖެއްތޯ ވެސް އަަހަރެމެން ބަލާނަން." ސާންތީ ބުންޏެވެ.

ކޮލެޖެއްގެ ބޯޑިން ހުންނަ ކަހަލަ ގޮތަކަށް މި އެކެޑެމީ ދާނީ ފުޓްބޯޅައާ ކިޔެވުމާ އެކީގައި ކުދިން އައިސް ތިބޭގޮތަށް ކުރިއަށްދާނީ، ދެން އެކެޑެމީގައި އެ ކުދިން އެއް އަހަރުން އަނެއް އަހަރަށް ލެވަލްތައް މައްޗަށް ދާގޮތަށް ރާވާފަ ވާނީ، އަދި ހަމަ އެޔާއެކީގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ވެސް ޑިވްލަޕް ވަމުން ދާން ވާނެ.
ބައްސާމް އަދީލް ޖަލީލް | އެފްއޭއެމްގެ ރައީސް

ސާންތީ ބުނީ އަތޮޅުތެރެއިން ކުދިން ހޯދުމުގައި، ފުޓްބޯޅައިގެ ހިސްޓްރީ އޮތް ރަށްރަށަށް އިސްކަން ދޭނެ ކަމަށެވެ.

"އަތޮޅުތެރެއިން ކުޅުންތެރިން ނެގުމުގައި އަޅުގަނޑުމެން ބަލަން އެ ކުޅުންތެރިންގެ ހުނަރަށް އަދި ކިޔެވުމުގެ ބެކްގްރައުންޑަށްވެސް، 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވާއިރުގައި އެއީ ސްކޫލްގައި ކިޔަވަމުންދާ ކުދިން، އަތޮޅުތަކުން ހޮވޭ ކުޅުންތެރިން މާލެ ގެނެސް މާލޭގައި ސްކްރީން ކުރުމަށްފަހު އެ ހޮވޭ ކުއްޖަކު އެކެޑެމީއަށް ގެނައުމަށް ބެލެނިވެރިޔާއާއެކު އެއްބަސްވުމެއް ހެދުމަށް ފަހު އެކެޑެމީގެ ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރި ކުރާނީ." ސާންތީ ބުންޏެވެ.

އޭނާ ބުނީ، އެކެޑެމީއަށް ގެންނަ ކުދިންގެ ކިޔެވުމުގެ ކަންކަން ހުޅުމާލޭ ސްކޫލް ތަކުން ހަމަޖެހިގެންދާނެ ގޮތަށް ސްކޫލްތަކާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކެޑެމީގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ. ބައްސާމް ވިދާޅުވީ، އެކެޑެމީ ކުރިއަށްދާނީ، ދުނިޔޭގެ މަޝްހޫރު އެކެޑެމީއަކާ ގުޅިގެން ކަމަަށެވެ. އެކެޑެމީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކަރިކިއުލަމްއެއް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައިއެވެ.

"އިރާދަ ކުރެއްވިއްޔާ ސެޕްޓެމްބަރު މަސް ތެރޭ އެކެޑެމީ ހުޅުވިގެން ދާނެ." ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ދަނީ މިހާރުވެސް ޓްވޯޑްސް ފިއުޗާގެ ނަމުގައި ޒުވާން ކުޅުންތެރިން އުފެއްދުމަށް ޕްރޮގްރާމެއް ހިންގަމުންނެވެ.