މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދަފްތަރުގައި ރަޖިސްްޓްރީވުމުގެ ފުރުސަތު ދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ނިންމެވުމުން އެކަން ހިނގާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި އެ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާނީ ހަރުދަނާ ނިޒާމެއްގެ ދަށުން ކަމަށެވެ.
މާލޭ ދަފުތަރަކީ މާލޭ ސިޓީ ކައުންސިލުން މީގެކުރިން ބަލަހައްޓަމުން ދިޔަ ދަފުތަރެކެވެ. މިހާރު ދަފުތަރުގައި ޖެހުމުގެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް އެއީ އަބަދުވެސް އޮންނަން ޖެހޭނެ ފުރުސަތެއް ކަމަށެވެ.
"މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ދަފުތަރުގަ ޖެހުމާއި މިއާ ގުޅިފައިވާ ކަންކަން އެއީ ވެސް ސަރުކާރުގެ ބެލުމުގެ ދަށުން ހުރިހާ ރައްޔިތުންނަށް ފުރުސަތު ލިބޭނެ ގޮތަށް ހަމަޖެހޭ ނިޒާމެއްގެ ދަށުން ކުރިއަށްދާ ކަމެއްގެ ގޮތުގައި ހަމަޖައްސާ، ދަފުތަރުގަ ޖެހުމުގެ ފުރުސަތު އަލުން ފެއްޓުމަށް މިއަދު ކެބިނެޓުގެ މަޝްވާރާގެ މަތިން ރައީސް ވަނީ ނިންމާފަ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގެ ތަފްސީލްކޮށް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.
މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެންމެފަހުން ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރޭގައި ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ވަކި ކެޓަގަރީއެއް ވަނީ ހިމަނާފަ އެވެ. އެ ކެޓަގަރީގެ ދަށުން 1044 ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާއިރު އެކަމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ދަފުތަރުގައި ޖެހުމުގެ ފުރުސަތު ނެތުމަކީ ބަޔަކަށް ގެދޮރުވެރިކަމުގެ ފުރުސަތު ގެއްލިގެންދާ ކަމެއް ކަމަށެވެ. އެއީ އެކަން ވެގެންވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ފުރުސަތުތައް ލިބެންޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން ދަފުތަރު ބަލަހައްޓަން ފެއްޓުމުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ދަފުތަރުގައި ޖެހި، އެ ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.