ވިޔަފާރި

މެއި މަހު ރާއްޖޭގެ އިންފްލޭޝަން 0.35 ޕަސެންޓް ދަށަށް

Jul 2, 2018

މެއި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް، 0.35 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

ގައުމީ ތަފާސް ހިސާބުތަކާބެހޭ ބިއުރޯ އިން ބުނީ މެއި މަހު ރާއްޖޭގެ އިންފްލޭޝަން 0.35 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިި އަދަދަކީ 1.69 ޕަސެންޓް ދަށް އަދަދެކެވެ.

މެއި މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ކަނޑު މަސް ހިމެނެ އެވެ. ކަނޑު މަހުގެ އަގުތައް 3.29 ޕަސެންޓް އަދި ގޭސް 8.23 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ. އަދި ޗީޒާއި ބިހުގެ އަގުތައް ވަނީ 0.53 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ބަދިގޭ ސާމާނުގެ އަގުތައް ވަނީ 0.53 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނުގެ އަގުތައް ވަނީ 1.78 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މި މުއްދަތުގައި އަގުތައް މަތިވެފައިވާ ބައިތަކުގެ ތެރޭގައި ގޭގެ ކުލީގެ އަގުތައް ވަނީ 0.30 ޕަސެންޓް ވަނީ މަތިވެފަ އެވެ. އަދި ތަރުކާރީގެ އަގުތައް ވަނީ 1.59 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން ވައިގެ ދަތުރުތަކުގެ އަގުތައް ވަނީ 4.11 ޕަސެންޓް މަތިވެފަ އެވެ. އަދި ތެލާއި ލުބްރިކެންޓްގެ އަގުތައް ވެސް ވަނީ 4.52 ޕަސެންޓް މަތިވެފަ އެވެ.