ހަބަރު

ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ނަޝީދު ގޮވާލައިފި

އެންމެނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާތައް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެންމެ އިސްކަމެއް ދީގެން މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމަކީ އަންނަ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުން ކަމަށެވެ. ހުރިހާ ހެއްކެވެސް ބުރަވަނީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިންތިހާބަށް ސިޔާސީ ނުފޫޒު ބޭނުން ކުރާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އިދިކޮޅާއެކު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފަ އެވެ.

މަޝްވަރާއަށް ނަޝީދު ސަރުކާރަށް ދައުވަތު ދީފައިވާއިރު، އިއްޔެ ސަރުކާރުން ވަނީ އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ފަށަން ދައުވަތު ދީފަ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ރައީސް އަބްދުﷲ ޔާމީންގެ ކަނޑައަޅުއްވާފައިވާ މަންދޫބުގެ ހައިސިއްޔަތުން، ފިޝަރީޒް މިނިސްޓަރު ރ. މުހައްމަދު ޝައިނީ ރޭ އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްގައި، ގާނޫނު އަސާސީގައި ބުނާ ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓެއް ނެރުމަށް އެމްޑީޕީ އިން ނިންމި ނިންމުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިބޫއަށް މަރުހަބާ ކިޔާ ކަމަށާއި އެމްޑީޕީގެ މި ނިންމުމަކީ ސިޔާސީ ޕާޓީތަކުން ގައުމުގެ ހަމަޖެހުމަށް ސަރުކާރާ އެކު މަޝްވަރާތައް އަލުން ފަށަން އެޅުނު ބާރެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ އިންތިހާބަކަށް ހެދުމަށް ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް އޮތް އުންމީދުއާ ވެގެން ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އޯލް ޕާޓީ ޓޯކްސްއަށް ސަރުކާރުން ދިން ދައުވަތު އަދިވެސް ވަނީ ހުޅުވިފައި. އަދި ހާއްސަކޮށް އިންތިހާބާ ގުޅޭ މައްސަލަތަކާއި ކަންބޮޑުވުންތަކުން އަރައިގަނެ މިނިވަން އިންސާފުވެރި އަމާން އިންތިހާބަށް މަގުފަހިކުރުމަަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާކުރިއަށްގެންދިއުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމުގައި ދެކެމެވެ،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ނަޝީދު ވަނީ މިދިޔަ އޭޕްރީލް މަހުވެސް އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސަރުކާރަށް ދައުވަތުދީފަ އެވެ.