ރައީސް މުހައްމަދު ނަޝީދު

މަޝްވަރާތަކަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

ސަރުކާރުން އިސްނަގައިގެން ރޭ ފެށި ސިޔަސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ނަޝީދު ވިދާޅުވީ، އިދިކޮޅު މައި ދެ ޕާޓީ ނުލައި ކުރާ މަޝްވަރާތަކުގެ މަނާއެއް ނެތް ކަމަށެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކަށް ހަ ޕާޓީއަށް ދައުވަތު ދިން އިރު މަޝްވަރާތަކުގައި ބައިވެރިވީ، ސަރުކާރުން ހިންގާ ޕީޕީއެމް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ، ޖުމްހޫރީ ޕާޓީ އަދި ޑީއާރްޕީ އެވެ. އެމްޑީޕީ އަދި އަދާލަތު ޕާޓީން ބައިވެރިއެއް ނުވެ އެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީން އިއްޔެ ހަވީރު މަޝްވަރާތަކުގައި ބައިވެރި ނުވާން ނިންމުމާ ގުޅިގެން އަލުން އެ ދެ ޕާޓީއަށް ދައުވަތު ވެސް ފޮނުވާފައިވެ އެވެ. އެ ދެ ޕާޓީން ބުނަނީ މަޝްވަރާތަކަށް ފަހި މާހައުލެއް ނެތް ކަމަށެވެ.

ލަންޑަނުގައި ހުންނަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ޕާޓީތައް ނުލައި ކުރާ މަޝްވަރާތަކެއް ބޭރުގެ ފަރާތްތަކުން ގަބޫލެެއް ނުކުރާނެ ކަމަށެވެ. ޕްރެޝަރަކާ ހެދި ސަރުކާރާއެކު ތިބި ޕާޓީތަކަކާއެކު ބާއްވާ މަޝްވަރާތައް ވާނީ އެއް ފަރާތަކަށް ޖެހިފައިވާ މަޝްވަރާތަކަކަށް ކަމަށް ވިދާޅުވި އެވެ.

މަޝްވަރާތައް ކުރިއަށް ދަނީ އދ. އާއި ކޮމަންވެލްތް އަދި އީޔޫ އިން ރޭވި ގޮތަށް ނޫން ކަމަށާއި މަޝްވަރާތަކަކީ އެ ޖަމާއަތްތަކަށް ދެއްކުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރޭގެ މަޝްވަރާތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް ދައުވަތު ދީފައެއް ނުވެ އެވެ.

ރޭގެ މަޝްވަރާތަކުގައި ބައިވެރި ނުވާން އެމްޑީޕީ އާއި އަދާލަތުން ނިންމާފައިވާއިރު، ރޭ ހަތަރު ޕާޓީން ސަރުކާރާއެކު ބޭއްވި މަޝްވަރާތަކުގައި ވަނީ އެމްޑީޕީ އަދި އަދާލަތު ޕާޓީއަށް އަލުން މަޝްވަރާތަކަށް ދައުވަތު ދިނުމަށް ނިންމާފަ އެވެ. އެ ޕާޓީތަކުން ވެސް ބުނެފައިވަނީ، އިދިކޮޅު މައި ދެ ޕާޓީއާ ނުލައި މަޝްވަރާތަކުގެ މަނާއެއް ނެތް ކަމަށެވެ.

ހަތަރު ޕާޓީން ވެސް އަދި ސަރުކާރުން ވެސް ވަނީ އެމްޑީޕީ އަދި އަދާލަތަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ގޮވާލާފަ އެވެ. އަދި މަޝްވަރާތަކަށް ފަހި މާހައުލެއް އެބަ އޮތް ކަމަށާއި ކަންކަމަށް ހައްލު ގެނެވޭނީ މަޝްވަރާކޮށްގެން ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

މިއަދު ހަވީރު 3:00 ޖަހާއިރު މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވާނެ އެވެ. އެ ބައްދަލުވުމަށް އެމްޑީޕީ އަދި އަދާލަތު ޕާޓީއަށް އަލުން ދައުވަތު އަރުވާނެ އެވެ.