ހަބަރު

ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ނިންމައިފި

ށ. ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމައިފި އެވެ. އެ ރަށަކީ 400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

ބިލެތްފަހީގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ބިލެތްފަހީގެ ތަރައްގީއަށް ގިނަ ވިސްނުންތަކެއް އެމަނިކުފާނުގެ އެބަހުރި ކަމަށެވެ. ހއ. ހދ. އަދި ށ. އަކީ ޓޫރިޒަމްގެ ދޮރު ހުޅުވާލައި އޭގެ ނަފާ ވަރަށް ބޮޑަށް ވައްދަން ޖެހިފައިވާ އަތޮޅުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ބިލެތްފަހި ކައިރީގައި ވެސް ރިސޯޓްތަކެއް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅެނީ ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ކަމަށެވެ. އެހެންވެ ސަރުކާރުން ނިންމާފައިވަނީ ބިލެއްފަހީގައި އެއާޕޯޓެއް އެޅުމަށް ކަމަށެވެ.

ށ. ފުނަދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރައީސް ވަނީ ބިލެތްފަހީގެ ބޮޑު ފަޅު ތަރައްގީކޮށް ރަށަށް އޭގެ ފައިދާ ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ފަޅު ހިއްކުމުން މުޅި ހުޅުމާލެއާ އެއްވަރުގެ ބިމެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ބިލެތްފަހި ކައިރީގައި ރިސޯޓެއް އެޅުމަށް ބޭރުގެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ވެސް ރައީސް މިއަދު ހާމަކުރެއްވި އެވެ.

އެފަދަ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު ރައްޔިތުން ވަރަށް ވިސްނަންޖެހޭ ކަމަށާއި ހަމަޖެހުން ނެތް ތަނަކަށް އިންވެސްޓަރުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމުން ވޯޓުލާން ދާއިރު އެ ހަމަޖެހުން ގެނެސްދޭނެ ވެރިޔަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

ކުދި އާބާދީތަކަށް ތަރައްގީ ގެނެސްދޭނެ ވެރިއެއް ހޮވަން ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ. ގާނޫނު ނަގަހައްޓައި ވެރިޔަކު ހޮވުމަށް ވިސްނަންޖެހޭނެ ކަމަށެވެ.

މިއީ އުތުރުގައި ރައީސް ޔާމީން އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތް ހަތަރު ވަނަ އެއާޕޯޓެވެ. ފުނަދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އުތުރުގައި މިހާރު އޮންނަނީ ހދ. ހަނިމާދޫ އެއާޕޯޓް އެކަންޏެވެ.