ބަންދުވާން ނުޖެހޭ ބަޔަކު ވެސް ކުށްތަކެއްގައި ބަންދު ކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ށ. ބިލެތްފައްސަށް ވަޑައިގެން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް ހިތްދަތި ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސިޔާސީ ގޮތުން ކަންކަން ގޯސް ކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން އަދި މަގުމަތިން އުސޫލުތަކުގެ ބޭރުން ކަންކަން ކުރުމުގެ ސަބަބުން ބައެއް އިއްޒަތްތެރިން ހައްޔަރު ކުރަން ޖެހުނު ކަމަށެވެ. އެ ބޭފުޅުން ހައްޔަރުކުރަން ޖެހުނީ ޝަރީއަތުގައި އެ ބޭފުޅުންގެ މައްސަލަތައް ހިނގައި، އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުވުން ކަމަށެވެ. ކުށްތަކުގެ ތުހުމަތުން އެ ބޭފުޅުންނަށް ބަރީއަތް ނުވެވުމުން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަންތައްތަކުގެ ތެރޭގައި އެއްވެސް ގޮތަކަށް ބަންދުވާން ނުޖެހޭ ބައެއް މީހުން ވެސް ބަންދުވެފައިވާ ކަމަށެވެ. އޭގެ އުނދަގޫ މުޅި މުޖުތަމައުން އުފުލަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގިނަ އިސް ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ.
އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކުރި އެވެ. ކުރީގެ ސީޕީ އަހުމަދު އަރީފާއި ފުލުހުންތަކެއް ވެސް ހައްޔަރުކުރި އެވެ.
އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހިނގައިދިޔަ ކަންކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި އެވެ. އެކަމާ ދެކޮޅަށް މުޒާހަރާކުރި އިދިކޮޅުގެ ގިނަ އާންމު މެންބަރުންތަކެއް ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެވެ.