ބޮލީވުޑް

ބަޖްރަންގީ ބައިޖާން: ސަލްމާންގެ އެކްޓިން މިފަހަރުވެސް ފުރިހަމަ

May 29, 2015

ސުޕަސްޓާ ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ބަޖިރަންގީ ބައިޖާން"ގެ ވާހަކަ މެދުކެނޑިމެއްނެތި ދެކެވެމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ. ސަބަބަކީ، މިއީ ސަލްމާންގެ މިއަހަރު ރިލީޒްވާ ފުރަތަމަ ފިލްމަށްވުމުން، އޭނާގެ ސަޕޯޓަރުން އަންނަނީ ކެތްތެރިކަމެއްނެތި މިފިލްމުގެ އެންމެ މަންޒަރެއް ފެނޭތޯވެސް އިންތިޒާރުކުރަމުންނެވެ. އެގޮތުން ސަލްމާން މިފިލްމުގައި ފެނިގެންދާ ގޮތުގެ ފުރަތަމަ ޕޯސްޓަރު ރިލީޒްވުމާއިއެކު، ސުޕަސްޓާ ޝާހްރުކް ޚާންއާއި އާމިރް ޚާންގެ އިތުރުން ގިނައަދަދެއްގެ ސަޕޯޓަރުންވެސް ވަނީ ތައުރީފުކޮށްފަ އެވެ.

މިފިލްމުގެ ފުރަތަމަ ޓީޒާ ރިލީޒްކުރާނެކަން އިއުލާން ކުރެވުމާއި ސަލްމާންގެ ފޭނުން ވަނީ "ބީބީ ޓީޒާ ޓުނައިޓް" ނަމުގައި ހޭޝްޓެގްއެއް ހަދައި ޓްވިޓާ ތެރޭ ހިންގާލައިފަ އެވެ. ސަލްމާންގެ ފޭނުންގެ މިހަރަކާތުންވެސް އޭނާއަށް ސަޕޯޓްކުރާ މީހުން މިިފިލްމަށް އިންތިޒާރުކުރާވަރު ހާމަވެގެންދެ އެވެ.

އެންމެފަހުން ގިނަ ބައެއް ކުރަމުން އައި އިންތިޒާރަށް ރޭގައި ވަނީ ނިމުންގެނެސްދީފަ އެވެ. ގިނަބަޔަކު އުންމީދުކުރަމުން އައި ގޮތަށް މިފިލްމުގެ ފުރަތަމަ ޓީޒާއިން ފެނިގެންދަނީ އެކްޝަން، ރޮމޭންސް އަދި ތްރިލް އެވެ.

ޓީޒާ އަކަށްވުރެން ބޮޑަށް ޓްރެއިލާއަކާ އެއްގޮތަށް މިހާރު ރިލީޒްކޮށްފައިވާ އެއްމިނިޓާއި ތިރީސް ސިކުންތުގެ މި ޓީޒާއިން ބެލުންތެރިން ސަލްމާންގެ ފަރާތުން އުންމީދުކުރަމުން އައި ކަހަލަ މޮޅު އެކްޓިން އެއް ފެނިގެންދެ އެވެ.

މިހާރު ރިލީޒްކޮށްފައިވާ ޓީޒާއިން ފެނިގެންދަނީ ޕާކިސްތާނުގެ ކުޑަ އަންހެންކުއްޖަކު އިންޑިއާއަށް ގެއްލިގެން އުޅޭތަނެވެ. އޭގެފަހުން މިކުއްޖާއާއި އިންޑިއާއިން ދިމާވަނީ ހިތްތިރި އޯގާތެރި ފިރިހެނެކެވެ. އިތުރަށް މިއީ ކާކުކަން ބުނެދޭކަށްވެސް ނުޖެހޭނެ އެވެ. “ބައިޖާން" ގެ ރޯލުން ފެނިގެންދާ ސަލްމާން މި ކުޑަކުއްޖާ ސަލާމަތުން އަނބުރާ ޕާކިސްތާނަށް ގެންދިއުމަށް ކުރާ މަސައްކަތް ފެނިގެންދެ އެވެ. މީގެއިތުރުންވެސް ސަލްމާންގެ ސްޓައިލްގެ ޑައިލޮގްތަކުގެ އިތުރުން ތަޅާފޮޅާ މަންޒަރުތަކާއި ޑާންސްއާއި ލޯބީގެ މަންޒަރުތައްވެސް ފެނިގެންދެ އެވެ.

ސަލްމާންގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާ ބަތަލާ ކަރީނާ ކަޕޫރުގެ ފެނިގެންދަނީ ދެތިން މަންޒަރެއް ނަމަވެސް، އޭނާގެ ފެނިލުންތަކުން އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފަ އެވެ.

ޓީޒާ ނިމެންކައިރިވެފައިވަނިކޮށް ފެނިގެންދަނީ ސަލްމާންއާއި އެކު ނަވާޒުއްދީން ސިއްދީގީއާއި ކުޑަކުއްޖާ ޓްރެކްޓަރެއްގެ ފަހަތުގައި ތިބެގެންދާ ތަނެވެ.

ކަޝްމީރުގައި ބޮޑުބައި ޝޫޓްކޮށްފައިވާ“ބަޖްރަންގީ ބައިޖާން"ގައި ޑައިރެކްޓަރު ކަބީރު ޚާންގެ މޮޅު ޑައިރެކްޝަންވެސް ފެނިގެންދެ އެވެ. މިއީ "ކާބުލް އެކްސްޕްރެސް" އާއި "އޭކް ތަ ޓައިގާ"އަށްފަހު ކަބީރް ޑައިރެކްޓްކުރި ތިންވަނަ ފިލްމެވެ.

މިފިލްމުގެ ޓީޒާ އާންމުންނަށް ރިލީޒްކުރުމުގެ ކުރިންވަނީ ޓްވިޓާގައި ހޮވާލެވުނު 50 މީހުންނަށް ރިލީޒްކުރުމުގެ އެއް ދުވަސްކުރިން ދައްކާލާފަ އެވެ.

ސަލްމާން ޕްރޮޑިއުސްވެސް ކޮށްފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އީދު ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 17ވަަނަ ދުވަހު އެވެ.

ފިލްމުގެ ޓީޒާ: