ގުދުރަތީ ގޮތުން އެންމެ ރީތި އަތޮޅުތަކުގެ ތެރޭގައި އއ. އަތޮޅު ހިމެނެ އެވެ. އަދި މި އަތޮޅުގެ ގިނަ ރަށްރަށަކީ ވެސް ހާއްސަ ގިނަ ސިފަ ތަކެއް އެކުލެވޭ ރަށްރަށެވެ. ހާއްސަކޮށް ގެސްޓްހައުސް ޓޫރިޒަމްގައި މި އަތޮޅަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް އަތޮޅެވެ. ގެސްޓްހައުސް ވިޔަފާރީގައި އއ. އުކުޅަހަކީ ވަރަށް ހާއްސަ އެވެ. މިރަށް މި ވިޔަފާރި އަށް ހާއްސަވި ގިނަ ސަބަބުތަކެއް ހިމެނެ އެވެ. ތިރީގައި އެވަނީ އުކުޅަސް ގެސްޓްހައުސް ވިޔަފާރި އަށް ހާއްސަވި ސަބަބުތަކެވެ.
ރަށު ތެރެ ސާފު ވާނެ
ރާއްޖެ އަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. ރާއްޖޭގެ ރަށްރަށުގައި މި މައްސަލަ ބޮޑުވާނެ އެވެ. ނަމަވެސް މިރަށުން ވަނީ ކުނީގެ މައްސަލައިން "ސަލާމަތް" ވެފަ އެވެ. މި ރަށުގައި 2011 ވަނަ އަހަރުން ފެށިގެން ފަށާފައިވާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމުގެ ދަށުން ވަނީ ރަށުގެ އެތަން މި ތަނަށް ކުނި އުކާލުން ހުއްޓާލާފަ އެވެ. މިރަށުގައި ކުނި އުކާލާނީ ކައުންސިލުންނެވެ. ގޭގެއަށް ގޮސް ކުނި ނަގައި އުކާލުމުގެ ހިދުމަތް ދެނީ ކައުންސިލުންނެވެ. އާބާދީގައި 1500 އެއްހާ މީހުން އުޅޭ މި ރަށުގައި ކުނި ނައްތާލަ އެވެ. އަދި ކުނިން ގަހުކާނާ ފަދަ ތަކެތި އުފައްދަ އެވެ.
ރަށަށް ދާން ފަސޭހަ ގޮތްތަކެއް
ރާއްޖޭގެ ރަށްރަށަށް އެންމެ ބޮޑު މައްސަލައަކީ ދަތުރުފަތުރުގެ ދަތުރު ކަމެވެ. ނަމަވެސް އުކުޅަހަށް ދާން ބޭނުންވާ މީހަކަށް ތަފާތު އެކި ގޮތްތަކެއް ހިޔާރު ކުރެވިދާނެ އެވެ. މި ރަށަށް ކޮންމެ ދުވަހަކު ދެ އިރު ސްޕީޑް ލޯންޗުގެ ހިދުމަތް އޮވެ އެވެ. ލޯންޗުގައި ދާނަމަ ޓިކެޓުގެ އަގަކީ 250ރ. އެވެ. ލޯންޗުގައި ދާނަމަ ދޮޅު ގަޑިއިރު [1.30 މިނެޓު] އިން އެ ރަށަށް ދެވޭނެ އެވެ. އަދި ސަރުކާރުގެ ޓްރާންސްޕޯޓް ކުންފުނި އެމްޓީސީސީ އިން ފެރީގެ ހިދުމަތް ވެސް ދެ އެވެ. މި ފެރީގެ ޓިކެޓު އަގަކީ 50ރ. އެވެ. އަތޮޅު ފެރީއެއްގެ ގޮތުގައި ގިނަ ރަށްރަށުގައި ޖައްސަމުން އަންނަ އެމްޓީސީސީ ފެރީ ހަތަރު ގަޑިއިރުން މި ރަށަށް އަންނާނެ އެވެ.
ރީތި ހިތް ގައިމު ބީޗެއް
ރަށު ތެރެ ސާފުކޮށް ބަލަހައްޓާތީ ރަށުގެ ވަށައިގެންވާ ސަރަހައްދު ފެންނާނީ ސާފު ކޮށެވެ. ހާއްސަކޮށް މި ރަށުގައި އޮންނަ ތުނޑިއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ. އެ މޫސުމަށް ރަށުގެ އެކި ހިސާބަށް މި ތުނޑީގެ ވެލިގަނޑު ދިޔަނަމަވެސް ތުނޑި އަބަދު ވެސް ފެންނާނީ ރީތިކޮށް ސާފުކޮށެވެ. މި ތުނޑި ހާއްސަކޮށްފައިވަނީ "ގެސްޓް ބީޗް" އެއްގެ ގޮތުގަ އެވެ.
ކެއުމަށް ހާއްސަ ތަންތަން ގިނަ
މި ރަށުގައި ހަ ރެސްޓޯރެންޓެއް މިހާރު އެބަހުއްޓެވެ. އަދި މި ތަންތަނުން ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނަށް ހާއްސަ ކެއުންތައް ލިބެން ހުރެ އެވެ. އަދި މި ތަންތަންތަން ފަރުމާކޮށްފައިވަނީ މީހުންނަށް ހިތްގައިމުކޮށް މަޑުކޮށްލައިގެން، ތިބެވޭނެ ގޮތަށް ބަލައިގެންނެވެ. މާލެއާ ބަލާއިރު އަގުތައް ހެޔޮކަން ފާހަގަ ކުރެވެ އެވެ.
24 ގެސްޓްހައުސް
ގެސްޓްހައުސްގައި ތިބޭ މެހުމާނުންނަށް ހިތް ފަސޭހަ މާހައުލެއް އޮންނަ ގޮތަށް ފަރުމާކޮށްފައިވާ 24 ގެސްޓްހައުސް މި ރަށުގައި ހުރެ އެވެ. މިހާރު މިރަށުގައި ޖުމްލަ 340 ވަރަކަށް ކޮޓަރި ހުރިއިރު، މި އަހަރު އިތުރު 50 ކޮޓަރި އިތުރު ވެގެންދާނެ އެވެ. މި ގެސްޓްހައުސްތަކަށް އަންނަ މީހުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތައް ލިބެން ހުރެ އެވެ. އަދި ދިވެހިންނަށް މި ރަށުން ކޮޓަރި އުޅެނީ ރެއަކަށް 500-800 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.