ހަބަރު

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީ އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން އަންގައިފި

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އެ ކޯޓުން އަންގައިފި އެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވާތީ އެ މަހު 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ކޯޓަށް ފޮނުވާ ހުރިހާ ސިޓީއެއް ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ. އަދި ކުރިން އޮންނަ ގޮތަށް ހުރިހާ ސިޓީތަކާއި ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް ރައްޔިތުން މަޖިލީހުން ދާދި ފަހުން އައްޔަންކޮށްފައި ވަނީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.