ހަބަރު

ދެ ހާދިސާއެއްގައި 6.87 ކިލޯގެ މަސްތުވާތަކެތި އަތުލައިފި

Jul 3, 2018
3

ރާއްޖެއައި ފަސިންޖަރުންތަކެއްގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި ދެ ފަހަރެއްގެމަތީން 6.87 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިގޮތުން އޭގެ އެއް ހާދިސާގައި ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ކޮޗިންއިން ރާއްޖެއައި ބަނގުލަދޭސް މީހެއްގެ އަމަލުތައް ހުރިގޮތުން ޝައްކުވެ އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭ އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ދެ ބްލެންކެޓް ފެނުނު ކަމަށެވެ. އަދި މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 4.828 ކިލޯ ހުރި ކަމަށެވެ.

ދެވަނަ ހާދިސާގައި އިންޑިޔާ މަގުން ބަނގުލަދޭސްއިން ރާއްޖެއައި އުމުރުން 34 އަހަރުގެ ފިރިހެނެއްގެ އަތުން ވެސް މަސްތުވާތަކެތި އަތުލައިގަތެވެ. އއީ ޖޫން 25 ވަނަ ދުވަހު އެވެ.

އެމީހާގެ އަމަލުތައް ހުރިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި ލަގެޖުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާވަނީ ފެނުނެވެ. އެ ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.053 ކިލޯ ހުއްޓެވެ.

މި ދެކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 6.87 ކިލޯ ހުރިއިރު، މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަތް މަސްތުވާތަކެއްޗާއި މީހުން ވަނީ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.