ހަބަރު

ރީތީގެ ރާނީ ބާރަށު ރަމްލާ ނިޔާވެއްޖެ

ރާއްޖޭގައި ސަރުކާރުން ރަަސްމީ ސިފައެއްގައި ފުރަތަމަ ހޮވި ރީތީގެ ރާނީ، ހއ. ބާރަށު ރަމްލާ އަހުމަދު އުމުރުން 83 އަހަރުގައި ނިޔާވެއްޖެ އެވެ.

ރަމްލާ ނިޔާވީ ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ގައި މާލޭގެ އައިޖީއެމްއެޗްގަ އެވެ. ރަމްލާ ނިޔާވިއިރު އޭނާގެ ފިރިމީހާ އާއި ހަތް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. މިއަދު އޭނާ ނިޔާވި އިރު ބަލިވެ ފަރުވާ ހޯދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ރަމްލާއަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހަންމަދު އަމީންގެ ވެރިކަމުގައި މުޅި ރާއްޖެއިން ހޮވާލެވުނު އެންމެ ރީތި އަންހެން ކުދިން ބައިވެރިކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ މުބާރާތުން އެއް ވަނަ ހޯދި ފަރާތެވެ. އެ މުބާރާތް ބޭއްވީ 1953 ވަަނަ އަހަރު ޖެނުއަރީގަ އެވެ.

މި މުބާރާތުގައި ވަނަ ހޯދީ ފަރާތްތަކަށް ހާއްސަ އިންމްތައް ދިން އިރު ފުރަތަމަ ޖުމްހޫރިއްޔާ ރަސްމިއްޔާތަށް ވަޑައިގެންނެވި އިނގިރޭސި ސަފީރުގެ ސާ ސިސިލް ސަޔާގެ އަތްޕުޅުން ރަމްލާއަށް އޭނާގެ ހާއްސަ މެޑައްޔަކާއެކު ގަލަމެއް ދިނެވެ.

ފުރަތަމަ ރީތީގެ މުބާރާތް

ރީތީގެ މުބާރާތް ބެހިފައި އޮތީ ދެބަޔަކަށެވެ. އެއީީ ދޮށީ އުމުރުގެ ބަޔާއި ހަގު އުމުރުގެ ބައެވެ. ދޮށީ އުމުރުގެ ބައިގައި ބައިވެރިވީ ވަރަށް މަދު ކުދީންނެވެ. އަނެއް ބައިގައި ގިނަ އަދަދެއްގެ ކުދީން ބައިވެރިވި އެވެ.

ޖަޖުކަން ކުރީ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ތިބީ ރައީސް މުހައްމަދު އަމީނާއި އިބްރާހިމް މުހައްމަދު ދީދީ އާއި އާމިނަތު ހުސައިން އާއި އަލީ ނަޖީބާއި ނތ. ހަސަން ދީދީ އާއި ދައްޕަރު މޫސާ މަނިކެވެ. އެ ބޭފުޅުންނަށް ލިބި ވަޑައިގެންފައިވާ ފޮޓޯތަކުގެ މައްޗަށާ އެއްކޮށް ބަލައި އިންސާފު ކުރުރުމަށް ފަހު އެއްވަނަ ދިނީ ރަމްލާ އަށެވެ.

ވަނަތައް މުޅި ރާއްޖެއިން

އެއްވަނަ: ރަމްލާ އަހުމަދު
ދެވަނަ: ރާމިޒާ އިބްރާހިމް / ހަތިފުށި
ތިން ވަނަ: އާމިނަތު / އދ. އަޮމަދޫ
ހަތަރުވަނަ: މަރިޔަމް އަލީ / ހ. މާދޫގެ އަދި ޒުރާ / ގ. ތުޅާދޫގެ ދެން އަސްރާރު އަހުމަދު / ތ. ތިމަރަފުއްށި

އަތޮޅުތަކުން އެއްވަނަ ހޯދި ކުދިން

ހ: (ހއ) ހޯރަފުށީ މަރިޔަމް އިބްރާހިމް
ށ: ޅައިމަގު ފާތުމަތު ކަނބުލޭގެފާނު
ބ: މާޅޮހު ޒުލައިހާ އަބޫބަކުރު
އ: (އދ) އޮމަދޫ ނާއިލާ ހަސަން
ތ. ތިމަރަފުށީ ސަމްޕާފުޅު

ދޮށީ އުމުރުގެ ބައި

މަތީ އުމުރުގެ މުބާރާތުން މުޅި ރާއްޖެއިން އެއްވަނަ ހޯދީ އދ. މަހިބަދޫ ދޮން ކަމަނަ އެވެ. މުޅި ރާއްޖެއިންނާއި އަތޮޅުތަކުން ވަނަ ވަނައަށް އައި ކުދިންނަށް އިނާމް ދެއްވީ ރައީސް އަމީނެވެ.