ދިވެހި ދައުލަތަށް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު އަވާހަރަވެއްޖެ އެވެ. ރޭގެ ވަގުތެއްގައި ޒާހިރު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައި އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
ދިގު ޒާހިރުގެ ނަމުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ޒާހިރު އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިއަ ބުރާސްފަތި ދުވަހު އެ މަނިކުފާނުގެ އާލާސްކަންފުޅު ބޮޑުވެގެނެވެ.
ޒާހިރު ވަނީ 63 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ސަރުކާރަށް ހިދުމަތް ކުރައްވާ ސަރުކާރުގެ ވަރަށް އިސްމަ ގާމުތަކެއް ފުރުއްވާފަ އެވެ.
އޭގެ ތެރޭގައި މަޙްކަމަތުއް ދާހިލިއްޔާގެ ކާތިބުކަމާ ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެ އެވެ. އަދި ރައީސް އިބްރާހީމް ނާސިރު ޕްރައިވެޓް ސެކްރެޓަރީ ކަމާއި ރައީސް މައުމޫންގެ ވެރިކަމުގައި ފިޝަރީޒްގެ ނައިބުކަމާއި ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި، މިނިސްޓާ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ވެސް ފުރުއްވެވި އެވެ.
އެމްޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލާ ކަމާއި ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމާއި ތިން އަތޮޅެއްގެ އަތޮޅުވެރިކަން ހިމެނެ އެވެ.
ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ޅ. އަތޮޅުގެ މެންބަރުކަމާއި، ތ. އަޮޅުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް މުޙައްމަދު ޒާހިރަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ރާއްޖެއަށް ޕާޓީ ނިޒާމް ތައާރަފުވުމަށްފަހު ޕާޓީތަކުގެ މެދުގައި ވާހަކަ ދެއްކުމަށް ރައީސް މައުމޫން ނިންމެވުމަށްފަހު ޕާޓީ ޓޯކްސްގެ ވިލަރެސް ވެރިޔާއަކަށް ހަމަޖެއްސެވީވެސް ޒާހިރެވެ.
ޒާހިރު އަވާހަރަވިއިރު, އަނބިކަނބަލަކާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.