ހަބަރު

އިންތިހާބު ހަލާކުކޮށްލަން ޖޭޕީއަށް ފުރުސަތު ނުދެވޭނެ: ސުއޫދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ހަލާކުކޮށްލަން ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދީގެން ތިބެވޭކަށް ނެތް ކަމަށް ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސޫދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީއަށް ރަނިން މޭޓަކު ކަނޑައެޅުމުގެ ފުރުސަތުދީ، އެކަން ބަހުސަކަށް ވެފައި ވަނިކޮށް ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާއަކީ އެފަދަ މަގަމަކަށް އެންމެ އެކަށީގެންވާ ކަނބަލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ފިލޯސޮފީ ގަބޫލު ކުރައްވާ ނަމަ ހަރަދު ކުރާ މީހާ އާއި ވެރިފަރާތުގެ އެއްވެސް ނުފޫޒެއް ނެތި ރަނިން މޭޓެއް ކަނޑައަޅުމުގެ ބާރު އެ ޕާޓީގެ ކައުންސިލަށް ދޭން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބު ހަލާކުކޮށްލުމުގެ ފުރުސަތު ޖޭޕީއަށް ދެވެން ނެތް ކަމަށް ވެސް ސުއޫދު ވިދަޅުވި އެވެ.

ސޯޝަލް މީޑިއާ ތެރޭގައި ރަނިން މޭޓުގެ މަގާމަށް ވާދަ ކުރާނެ ކަމަށް އަޑު ފެތުރިފައި ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެ ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ހުސެއިން ރަޝީދު ހަސަނާއި ކައުންސިލް މެންބަރު އަދި އައިޝަތު ނަހުލާ އަދި މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމެވެ.

ޖޭޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރަނިން މޭޓަކު ކަނޑައެޅުން އަންނަ ހަފްތާ އަންގާރަ ދުވަހަށް ފަސްކޮށްފައިވާ ކަމަށާއި އެ ދުވަހުން ރަނިން މޭޓަކާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.