ދުނިޔެ

އެމެރިކާގެ އެދުމަށް ތެޔޮ އުފެއްދުން ސައުދީން އިތުރުކުރަނީ

Jul 4, 2018
1

ރިޔާދު (ޖުލައި 3) - އެމެރިކާ ސަރުކާރުގެ އެދުމުގެ މަތިން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނާނެ ކަމަށް ލަފާކުރެވޭ ލޮޅުން ކުޑަކުރުމުގެ ގޮތުން ސައުދީން އުފައްދާ ތެޔޮ އިތުރުކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

ސައުދީ ކެބިނެޓުގެ މި ނިންމުން އާންމުކޮށްފައިވަނީ، އިރާނުން ދުނިޔޭގެ އެކި ގައުމުތަކަށް ބޭރު ކުރާ ތެޔޮ ކުޑަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ. އިރާނުގެ ތެޔޮ ހުއްޓުވުމުން، ދުނިޔޭގެ ބާޒާރަށް އެކަމުގެ އަސަރު ކުޑަ ކުރުމަށް، ސައުދީން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ ގާތުން އެދެފަ އެވެ. އެކަމަށް ސައުދީ ރަސްގެފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ.

އެމެރިކާ އިން އެދިފައިވަނީ ދުވާލަކު އިތުރު ދެ މިލިއަން ފީފާ ތެޔޮ އުފެއްދުމަށެވެ. މީގެ އިތުރުން، މިދިޔަ މަހު ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމާއަތް ކަމުގައިވާ އޯޕެކް އިން ވެސް ވަނީ ދުވާލަކަށް އިތުރު އެއް މިލިއަން ފީފާ ތެޔޮ އުފައްދާނެ ކަމަށް އެއްބަސްވެފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އަންނަ ނޮވެމްބަރު މަނުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އިރާނާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ހުރިހާ ފަރާތްތަކުން އެ ގުޅުން އެއްކޮށް ކަނޑާނުލައިފިނަމަ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަންފެށީ، 2015 ވަނަ އަަހަރު ހަ ގައުމާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު އެވެ.

އިރާނުގެ މައްސަލައަކީ އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ބޮޑު އެއް މައްސަލަކަމުގައި އެމެރިކާ ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އިރާނާއިއެކު ވިޔަފާރީގެ ގުޅުން ހުއްޓާލުމަށް އެމެރިކާ އިން ދީފައިވާ މުހުލަތަށް ލުޔެއް ލިބޭތޯ ޔޫރަޕުގެ ބައެއް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަމުގައި ދޫނުދޭނެކަމުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

މިކަން ހުއްޓުވުމުގެ ގޮތުން އަމިއްލަ ކުންފުނިތަކަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމުގައި އިރާނުން ވަނީ ބުނެފި އެވެ.