ކުޅިވަރު

ޓީޓީ ޗެމްޕިއަން މުއީނާ ފުޓްބޯޅައިގެ ހިދުމަތަށް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފިޓްނަސް ޓްރެއިނަރަކަށް، ޓީޓީގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުއީނާ މުހައްމަދު ހަމަޖައްސައިފި އެވެ.

އިއްޔަ، އެފްއޭއެމްގައި ބޭއްވި އޭއެފްސީ ފުޓްބޯލް ކޯޗިން ކޯހުގެ ލެވަލް ސީގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، މުއިނާ އަށް ވަނީ، މަގާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލު ކޮށްފަ އެވެ. ގައުމީ އަންހެން ސީނިއާ ޓީމުގެ އިތުރުން ޒުވާން އަންހެން ޓީމުތަކަށާއި ގްރާސް ރޫޓް ލަވަލްގެ ކުދިންގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މުއިނާ މަސައްކަތް ކުރާނެ އެވެ.

ޓީޓީގެ ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން 13 އަހަރު ހޯދި މުއިނާ، އަަންނަނީ 2004 ވަނަ އަހަރުން ފެށިގެން ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންނެވެ. އިއްޔަ ނިމިގެން ދިޔަ ސީ ލައިސެންސް ކޯޗިން ޕްރޮގްރާމްވެސް އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ.

ގައުމީ އަންހެން ޓީމުގެ ފިޓްނަސް ޓްރެއިނަރުގެ މަގާމާ ހަވާލުވުމަށް ފަހު މުއިނާ ބުނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުކަހަލަ ބޮޑު ޓީމެއްގައި މަސައްކަތް ކުރުމަކީ އޭނާ އަށް ލިބިގެންދާ ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުގެ ޓާގެޓަކީ، ގައުމީ އަންހެން ޓީމު ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކޮށް އެ ކުޅުންތެރިންގެ ޕާފޯމަންސް އެންމެ މަތީގައި ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށް ދިނުން،" މުއިނާ ބުންޏެވެ.

"ގައުމީ އެތުލީޓެއްގެ ގޮތުގައި ހުރެ، އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިތުރު އެހެން އެތުލީޓުންނަށް އެހެން ކުޅިވަރުތަކަށްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސްދިނުން އަޅުގަނޑު ބޭނުން މި ދާއިރާއިން ސްޕަޝަލައިޒްޑް ވާން."

ސަރަހައްދީ މުބާރާތްތަކުން ޓީޓީން ރާއްޖެއަށް މެޑަލް ގެނެސްދީފައިވާ މުއިނާ ބުނީ، ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި ޓީމެއްގައި މަސައްކަތް ކުރުމަކީ އޭނާ ބޭނުންވެފައި ހުރި ކަމެއް ކަމަށެވެ.

މުއިނާ އާއެކު ގައުމީ އަންހެން ޓީމަށް އޮތް މުބާރަތަކީ، އޯގަސްޓް މަހު އިންޑިއާގައި ބާއްވާ އޭޝީއަން ގޭމްސް އެވެ.