ހަބަރު

މަހުލޫފް ޓްވީޓް މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި، ހުކުމް އެހެން ދުވަހަކަށް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލާގެ ހުކުމް އިއްވުމަށް އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލުކުރަން ވަނީ ނިންމާފަ އެވެ.

މަހުލޫފް މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށް މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ހުކުމް ކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ މަހުލޫފް ޓްވީޓެއް މީގެކުރިން ކުރެއްވި އެވެ. މިއަދުގެ އަޑުއެހުން ފެށުމާއެކު މަހުލޫފް ކޮޅަށް ތެދުވެވަޑައިގެން އަޑުއެހުން ފަސްކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.

މަހުލޫފް ވިދާޅުވީ، އޭނާގެ ބައްޕަގެ އޮޕަރޭޝަނެއްކޮށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެހެންވެ އަޑުއެހުން ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، އެކަމުގެ ސަބަބުން ހުލާސާ ބަޔާން އިއްވުމަށް ދަތިވަނީ ކީއްވެގެންތޯ އައްސަވާފަ އެވެ. ހުލާސާ ބަޔާން ތައްޔާރުކުރަން އެންގިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރެއްވި އެވެ.

ގާޒީ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ހުލާސާ ބަޔާން އިއްވިދާނެ ކަމަށާއި ނަމަވެސް މިއަދު ހުކުމް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ފާހަގަކުރީ ކަމަށެވެ. ގާޒީ ވިދާޅުވީ، މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ކުރިން ވެސް އަންގާފައިވާނެ ކަމަށާއި މިއަދު ހުކުމް ނުކުރާނެ ކަމަށެވެ. ޝަރީއަތާ ބެހޭ މައުލޫމާތެއް ބޭރުގެ އެހެން ފަރާތަކަށް ނޭނގޭނެ ކަމަށާއި ޝަރީއަތާ ގުޅޭ ކަންކަމުގެ ހަބަރު ދޭނީ ޝަރީއަތުން ކަމަށެވެ.

ގާޒީ ވިދާޅުވީ، ގާޒީންނާއި ކޯޓުތަކާއި ދައުލަތާ ގުޅޭ ގޮތުން ބޭރުގައި ފާޑުފާޑު ވާހަކަ ދައްކައި ތުހުމަތުތައް ކުރާ ކަމަށާއި އެއިން ކޮންމެ ކަމަކަށް ޝަރީއަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ދައުލަތަށް ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދެއްވުމުން ވަކީލް ޝުކުރައްﷲ ވިދާޅުވީ، ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ މަހުލޫފް ކުރައްވާފައިވާ ޓްވީޓަކީ ދޮގު ތުހުމަތެއް ކަމަށާއި އެފަދަ ކަމެއް ޖަލުގައި ނުހިނގާކަން ކަރެކްޝަނަލް ސާވިސްގެ ސިޓީއިން އެެނގޭ ކަމަށެވެ.

މަހުލޫފް ކުރެއްވި ޓްވީޓް ކަރެކްޝަނަލް ސާވިސްއަށް ރައްދުވެފައިވާ ކަމަށާއި އެހެންވެ އެއީ މައުލޫމާތެއް ދިނުން ކަމަށް ގަބޫލު ކުރާ ކަމަށެވެ. ކަރެކްޝަނުން ފޮނުވާފައިވާ ސިޓީގައި މަހުލޫފްގެ ޓްވީޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އެ އިދާރާއަށް ލިބިފައިނުވާ ކަމަށް ބުނެފައިވީ ނަމަވެސް ދައުވާ ކުރަނީ ޝަކުވާއެއް ހުށަހަޅައިގެން ނޫން ކަމާއި މައުލޫމާތެއް ދީގެންކަން ވަކީލް ފާހަގަކުރެއްވި އެވެ. އަދި ކަރެކްޝަނަލް ސާވިސްއަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއް ނޫން ކަމަށް މަހުލޫފް ވިދާޅުވާ ވިދާޅުވުމަކީ ހަގީގަތެއް ނޫން ކަމާއި އެއީ ވެސް ގާނޫނު ތަންފީޒުކުރާ އިދާރާއެއްކަން ޝުކުރުﷲ ފާހަގަކުރެއްވި އެވެ.

މި މައްސަލާގެ މަހުލޫފްގެ ވަކީލް ނާޒިމް އަބްދުލްސައްތާރު ކުރެއްވި ޓްވީޓަކާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މައްސަލާގައި މަހުލޫފް ކުރިއަށް ވަޑައިގަންނަވަނީ ވަކީލަކާ ނުލަ އެވެ. މިއަދު ހުލާސާ ބަޔާން ވެސް އިއްވެވީ އަމިއްލައަށެވެ.

ހުލާސާ ބަޔާން އިއްވަމުން މަހުލޫފް ވިދާޅުވީ، އެ ޓްވީޓަކީ ބަޔަކަށް މައުލޫމާތު ދިނުމަށް ކުރި ޓްވީޓެއް ނޫން ކަމަށާއި އެއީ ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކުރުމަށް ކުރި ޓްވީޓެއް ކަމަށެވެ. ޓްވީޓް ކުރުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޖަލުގައި ކުރި ތަޖުރިބާ އާއި މަރުވި ގައިދީންގެ އާއިލާތަކުގެ ކަންބޮޑުވުންތަކާއި ގައިދީންގެ ކަންބޮޑުވުންތަކާއެކު ކުރި ޓްވީޓެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ، ޖަލުގައި މަރުވި ބައެއް ގައިދީންގެ މައްސަލަ މިހާރު ވެސް އެޗްއާރްސީއެމްއިން ތަހުގީގު ކުރަމުންދާ ކަމަށާއި ބައެއް މައްސަލަތަކުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލުވާތީ ދައުވާކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ގޮތެއް ކަނޑަނޭޅެނީސް އޭނާއަށް އަދަބު ދީފިނަމަ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް އޭނާއަށް ލިބިގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

ކަރެކްޝަނަލް ސާވިސްއަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއް ނޫން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ބެލުމުން އެނގޭ ކަމަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަކީ މައްސަލައެއް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާތައް ކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފްގެ ޓްވީޓްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ކަރެކްޝަނަލް ސާވިސްއިން ފުލުހަށް ސިޓީއެއް ފޮނުވާފައިވާތީ އެ އިދާރާއަކީ ގާނޫނު ތަންފީޒުކުރުމުގެ ބާރު ނެތް އިދާރާއެއްކަން ޔަގީންވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، ކަރެކްޝަނަލް ސާވިސްއިން ފުލުހުން ކިބައިގެން ތަހުގީގުކޮށް ދިނުމަށް އެދުނީ ކޮމިޝަނާ އޮފް ޕްރިޒަން ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށްފައިވާތީ އެކަން ކަމަށެވެ. ނަމަވެސް ދައުވާކޮށްފައިވަނީ އެކަމާ ގުޅިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ގައިދީން މަރުވުމުގެ ޒިންމާ ކޮމިޝަނާ އޮފް ޕްރިޒަން ނަގަން ޖެހޭނެ ކަމަށް އޭނާ ޓްވީޓްގައި ހިމެނީ ގާނޫނުގައި ޖަލުގައި ހިނގާ ކަންކަމުގެ ޒިންމާ އޭނާ ނަގަންޖެހޭ ކަމަށް ބުނެފައިވާތީ ކަމަށެވެ. ޖަލުގައި މީހުން މަރާ ކަމުގެ ޒިންމާ ކޮމިޝަނާ އޮފް ޕްރިޒަންގެ ބޮލުގައި އަޅުވާފައިނުވާ ކަމަށެވެ.

ހުލާސާ ބަޔާން މަހުލޫފް އިއްވަވާ ނިމުމުން ގާޒީ އަލީ އާދަމް ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފަ އެވެ. އަދި ހުކުމް އިއްވުމަށާއި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް އިއުލާން ކުރެއްވި އެވެ.

މި މައްސަލައިގެ ކުށް މަހުލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.

މި ނޫނަސް އިތުރު ދައުވާތަކެއް މަހުލޫފަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.