ވިޔަފާރި

އާ އުފެއްދުންތަކަށް އެހީވާން އުރީދޫގެ "ނިރު އެކްސެލެރޭޓާ"

މުޖުތަމައަށް މަންފާކުރާ ދިވެހި އާ އުފެއްދުންތަކަށް، ރާއްޖެއިންނާއި ބައިނަލްއަގްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ނިރު އެކްސެލެރޭޓަރު މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ. މިއީ ރާއްޖޭގައިި ބާއްވާ ފުރަތަމަ އެކްސެލެރޭޓަރު ޕްރޮގްރާމެވެ.

އުރީދޫން ބުނީ، ނިރު އަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންނާއި 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމަކާއި މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސާއި ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ނިރު އެކްސެލޭޓަރުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހު ބާއްވާ ހެކަތޮންގައި ލިބޭނެ ކަމަށާއި އެގޮތުން މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ހިޔާލު ފަރުމާކުރުމަށާއި ވިޔަފާރީގެ ބިންގާތަކާއި ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓު ތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ހިޔާލުތައް އެކްސެލެރޭޓަރުގައި ބައިވެރިކުރެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މުޖުތަމައު އަށް ފައިދާކުރާނެ، އީޖާދީ ހިޔާލަކާއިއެކު ނިރު އެކްސެލެރޭޓަރު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހިޔާލުތަށް ހުށަހަޅާއިރު ފަސް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެ ޝަރުތުތަކަކީ:

• ނިރު އެކެސެލްރޭޓަރުގެ ހަތަރު އިޖްތިމާއީ ޝިއާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން
• ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭނެ ކޮންސެޕްޓަކަށްވުން
• ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް ދެވޭ ހިދުމަތަކަށްވުން
• ކެޕިޓަލް އެފިޝަންޓްވުމާއި ސީޑް ފަންޑިން މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ކޮންސެޕްްޓަކަށްވުން
• ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި މީހުން ތިބުން

ނިރު އެކްސެލެރޭޓަރު ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ފެށުނީއްސުރެ، އުރީދޫގެ ތަސައްވަރަކީ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް މެދުވެރިކޮށް ދިވެހިރައްޔިތުންގެ ހަޔާތަަށް އިތުރު ފުރިހަމަ ކަމާއި ކުރިއެރުން ގެނެސްދިނުން ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ހިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފައި ކަމަށާއި އެންމެ އެކަހެރި ހިސާބުތަކުންވެސް ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ ކަމަށް ނަޖީބު ހާން ވިދާޅުވި އެވެ.

"އުރީދޫގެ ނިރު އެކްސެލެރޭޓަރު މެދުވެރިކޮށް ކޮށްދޭ ކަމަކީ މިއީ، ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުންދާ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމައަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ،" ނަޖީބް ހާން ވިދާޅުވި އެވެ.