ވިޔަފާރި

އަމާނާ ތަކާފުލް އިން މެރިންހަލް އިންޝުއަރެންސަށް ހޭލުންތެރި ކުރުވައިފި

Jul 5, 2018

އަމާނާ ތަކާފުލް މޯލްޑިވްސް އިން މެރިންހަލް އިންޝުއަރެންސަށް ހޭލުންތެރި ކުރުވަން، އިންޑަސްޓްރީއާއެކު ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކާއި އެކި އިންޑަސްޓްރީތަކާއެކު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވަނީ ކޯސްޓް ގަޑާއި ޓްރާސްޕޯޓް އޮތޯރިޓީ އަދި އިންޝުއަރެންސް ދާއިރާގަ ބޭރުގެ ތަޖުރިބާކާރަކު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަމާނާ ތަކާފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ މި ޕްރޮގްރާމުގެ ބޭނުމަކީ މި ދާއިރާ ހޭލުންތެރި ކުރުވުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކަނޑު އުޅަނދު ފަހަރަށް ލިބޭ ގެއްލުން ކުޑަކޮށް، ރިސްކް މެނޭޖު ކުރެވޭނެ ގޮތްތަކެއް ދައްކައިދިނުން. އެހެންވެ މި ބައްދަލުވުމުގައި ކޯސްޓްގާޑާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ބޭރުގެ މާހިރަކުވެސް ބައިވެރިވޭ،" ހަރީޒް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކޯސްޓްގާޑްގެ ފަރާތުން މައުލޫމާތު ދެއްވަމުން ޑިރެކްޓަރު އަހުމަދު ފާތިހު ކަނޑުމަތީގައި އަހަރު 300 އަށްވުރެ ގިނަ ހާދިސާ ހިނގާ ކަމަށެވެ. އަދި ފަރަށް އެރުމުގެ ހާދިސާތައް ކޮންމެ ފަސް ދުވަހަކުން ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަރަށް އެރުމުގެ ހާދިސާތައް ހިނގާފައި އެބަހުރި ކެޕްޓަން ވަރުބަލި ވެގެން އެހެން މީހަކު އަތަށް ހުންގާނު ދޭ ވަގުތެއްގައި. ހާއްސަކޮށް އެންމެ މުހިންމު ވަގުތު ބިދޭސީންގެ އަތަށް ހުންގާނު ދޫކޮށްލުން ފަދަ ކަންކަމުން،" ފާތިހު ވިދާޅުވި އެވެ.

ކަނޑު އުޅަނދު ފަހަރަށް ބޮޑު ރައްކާތެރިކަމެއް ލިބޭ ގޮތަށް އަމާނާ ތަކާފުލްއިން ފަރުމާކޮށްފައިވާ "މެރިންހަލް އިންޝުއަރެންސް" އަކީ ގިނަ އަދަދެއްގެ އުޅަނދު ފަހަރުން މިހާރުވެސް ނަގާފައިވާ އިންޝުއަރެންސެކެވެ.