އެފްއޭއެމުން މުޅިން އަލަށް ފަށާ، 13 އަހަރުން ދަށުގެ ޔޫތު ލީގް ހޮނިހިރު ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.
ކުޅިވަރު އެކުވެނީގައި މިދިޔަ އޭޕްރީލް މަހު ހުޅުވި މިނީ ޓާފް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ލީގް ހާއްސަ ކޮށްފައި ވަނީ އެކެޑެމީތަކަށެވެ. ހޮނިހިރު ދުވަހު ހަވީރު 4:30 ގައި ފަށާ ޔޫތު ލިގް ހުޅުވާނީ މާޒިޔާގެ އެކެޑެމީގެ ޓީމާއި ކުލަބު އީގަލްސްގެ އެކެޑެމީގެ ޓީމެވެ.
އެ އުމުރު ފުރާގައި ހިމެނެނީ 12 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނެވެ. އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ވާދަވެރި އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދަން އެފްއޭއެމުން ވަނީ މިިދިޔަ އަހަރު އާންމު ކޮށް އަންގާފަ އެވެ.
ޔޫތު ލީގްގައި އަށް އެކެޑެމީ އަކުން ނުވަތަ އަށް ޓީމަކުން ވާދަ ކުރެ އެވެ.
އެއީ އީގަލްސް އާއި މާޒިޔާގެ އިތުރުން ބީޖީ، ހުޅުމާލެ ސްޕޯޓްސް އެކެޑެމީ، އެމްއެއެސް ހެލްޕިން ހޭންޑް އެކެޑެމީ، އަމްސާ، އާލީޓަޗް ފުޓްބޯޅަ އެކެޑެމީ، (އީޓީއެފްއޭ) އަދި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އެވެ.
އެފްއޭއެމް ޔޫތު ލީގް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ އެކެޑެމީ ލީގްގެ އެންމެ ބޮޑު ބޭނުމަކީ މިހާރު އުމުރުފުރާތަކުގެ ކުޅުންތެރިން ސީނިއާ ލެވަލަށް ދާއިރު ވާދަވެރި މުބާރާތްތަކެއްގައި ތަޖުރިބާ ހޯދައިދިނުމެވެ.
"މުޅި އަހަރަށް ބަލާއިރުވެސް ގިނަ އެކެޑެމީތަކުގައި މި އޮންނަނީ ކުދިން ޓްރެއިނިން ކުރުން، ބައެއް އެކެޑެމީތަކުގެ ކުދިންނަށް ވާދަވެރި މެޗުތަކެއް ކުޅެލަން ނުލިބޭ، އެހެންވެ އެފްއޭއެމްގެ ވިސްނުމަކީ އެކެޑެމީތަކުގެ މެދުގައިވެސް ވާދަވެރިކަން އުފައްދައި މެޗުތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން،" ސާންތީ ބުންޏެވެ.
"ސީނިއާ ކެރިއަރަށް ދާއިރު ކުޅުންތެރިންނަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އުމުރު ފުރާގެ ކެޓަގަރީގައި ވާދަވެރި މެޗުތަކެއް ނުލިބުން އެފްއޭއެމްގެ ވިސްނުމަކީ ސީނިއާ ކެރިއާ ފަށަންވާއިރަށް ވާދަވެރި މެޗުތަކެއް އެ ކުޅުންތެރިންނަށް ހޯދައިދިނުން، މިކަން މިގޮތަށް ކުރުމުން އަހަރުތަކެއް ފަހުން އެ ކުޅުންތެރިންނަށް އައިސްފައި ހުރި ކުރިއެރުން ފަހަގަ ކުރެވިގެންދާނެ."
އުމުރުން 13 އަހަރުގެ ކުދިންނަށް ހާއްސަކޮށް މި އަހަރު ލީގް ތާރަފު ކުރި ނަމަވެސް، އަހަރުން އަހަރަށް އުމުރުފުރާތައް އިތުރު ކުރަމުން ގެންދާނެ ކަމަށް ސާންތީ ބުންޏެވެ. އެގޮތުން އަންނަ އަހަރު 14 އަހަރުން ދަށުގެ ކެޓަގަރީ ތާރަފް ކުރުމުގެ ވިސްނުން ސާންތީ ފާޅު ކުރި އެވެ.
ޔޫތު ލީގް ކުރިއަށް ދާނީ ހަފުތާ ބަންދުގަ އެވެ. ސާންތީ ބުނީ ހަފުތާގެ އަނެއް ފަސް ދުވަހުގެ ތެރޭގައި ދެ ދުވަހު މިނީ ދަނޑުގައި ޕްރެކްޓިސް ކުރުމުުގެ ފުރުސަތު ކޮންމެ އެކެޑެމީއެއްގެ ޓީމަށްވެސް ލިބިގެންދާނެ ކަމަށެވެ.